ވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު، ބޮޑުބައެއް ހޭދަކުރަން ޖެހުނީ ކޮވިޑްގެ ދަތި އުނދަގޫ ޙާލަތުގެ ތެރޭގައި ކަމަށާއި، ކޮވިޑްގެ ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް އެހީތެރިވުމުގޮތުން ސިފައިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯގެ ހިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ، ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި، ސެނަހިޔަ ހޮސްޕިޓަލްގެ ފްލޫ ކްލިނިކްތަކުން، 24 ގަޑިއިރު ހުއްޓުމެއްނެތި ޢާއްމު ރައްޔިތުންނަށާއި ސިފައިންނަށް ފޯރުކޮށްދިން ޚިދުމަތްތަކަކީ، ތަޢުރީފް ހައްގު ހިދުމަތްތަކެއް ކަމަށެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިއާ އިތުރަށް ވިދާޅުވީ، ސިފައިންގެ ވެލްފެއާގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނަންޓަކީ ސިފައިންގެ ދުޅަހެޔޮ ސިއްޙަތު ކަމަށާއި، އަދި، ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމުގައި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ އެންމެ މުހިންމު އެއް ބައިވެރިޔާކަމުގަ އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، މި ސަރުކާރުން ހިންގުމާ ހަވާލުވެލެއްވުމަށްފަހު، ސިފައިންނާ ގުޅުންހުރި އެންމެ މުހިންމު އަދި އެންމެ އިސް ކަމެއްގެ ގޮތުގައި ދެކެލެއްވީ، ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދީ، ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަސްކަމާއެކު ގެނެސްދެއްވުން ކަމުގަ އެވެ. އަދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދުރު ވިސްނުންފުޅާ އެކު، ސިއްހީ ނިޒާމުގެ ކަންކަން ހިމެނޭހެން، ސިފައިންގެ ވެލްފެއާގެ ކަންކަމަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އެގޮތުން، ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވި، ގިނަ ހޮސްޕިޓަލް އަދި ކްލިނިކުތަކަކަށް ސިފައިން ދެއްކޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަވާފައިވާއިރު، މެޑިކަލް ކޯއިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސެނަހިޔަ ހޮސްޕިޓަލުގައި ކޮންސަލްޓްކުރައްވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ އަދަދު 11 އިން 54 އަށް އިތުރުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ، ޢަދަދުގެ ގޮތުން އެންމެ މީހުން މަދު ސަރވިސްކަމުގައި ވިޔަސް، މި މުއްދަތުގެ ތެރޭގައި ވެސް، އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތައް ހިމެނޭހެން، މެޑިކަލް ކޯގެ 42 މުވައްޒަފަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ހޯއްދަވައި ދެވުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ކުރެވިފައިވާ މަސައްކަތުގައި ސިފައިންގެ އެކި ޔުނިޓްތަކަށް މެޑިކަލް ކޯރއިން ހިންގި ތަފާތު 29 ކޯހެއްގައި 801 ސިފައިން ތަމްރީނު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިއާ ވަނީ، ރޭ އިފުތިތާހުކުރެވުނު "މެޑިކަލް ސްޓޭންޑާޑްސް ފޯ އެންލިސްޓްމެންޓް އެންޑް ރިޓެންޝަން" އުސޫލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން، މިނިސްޓަރު ވިދާޅުވީ، އެ އުސޫލަކީ، މެޑިކަލް ކޯއާއި އެމްއެންޑީއެފްގެ ކުރިއެރުމަށް އިތުރުކުރެވިގެން ދިޔަ ބޮޅެއް ކަމަށާއި، ދިވެހި އަސްކަރިއްޔާއަކީ، ސިއްހީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް "ފައިޓިން ފިޓް" ލަޝްކަރެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ސިފައިންގެ ވަޒީފާއަށް މީހަކު ވަންނައިރު އަދި ސިފައިންގެ ވަޒީފާގައި ދެމި ހުންނައިރު، އެމީހަކީ ޞިއްޙީގޮތުން ވަޒީފާއަށް އެކަށޭނަ، އަދި ސިއްހީގޮތުން ޤާބިލު މީހެއްތޯ ދެނެގަނެ، އެކަން މޮނިޓަރކޮށް ބެލޭނެ އިންތިޒާމްތައް މި އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވި އެވެ.