މިއަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހު އައްޑޫ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީތަކަށް ފަހު މުހައްމަދު ޒަޔާން މަރާލި މައްސަލާގައި ހަތް މީހެއްގެ މައްޗަށް މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މި ހަތް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުއްވާފައި ވަނީ ކުޑަކުދިން ލައްވާ ކުށްކުރުމުގެ އަށް ދައުވާ ކަމަށެވެ. އެގޮތުން ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ އަށް ދައުވާއެއް އުފުލާފައިވާއިރު ބާކީ ހުރި މީހާގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ ހަތަރު ދައުވާއެއް ވަނީ އުފުލާފަ އެވެ.
މިމައްސަލައާ ބެހޭ ގޮތުން ޕީޖީ ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި މި ހުރިހާ ދައުވާތަކަކީ ވެސް ހެއްކާ އެކު ކޮންމެ ކުށެއް ވަކިން ސާބިތުކުރެވޭނެ ދައުވާތަކެއް ކަމަށެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޕީޖީ ފާހަގަކުރެއްވި އެވެ.
"ކުށްކުރާ ޖަމާއަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެ ކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެކެވެ. އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެ އެވެ. ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުންނެވެ." ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި މައްސަލާގައި ހިމެނޭ ކުދިން ލައްވާ ކުށް ކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާހައުލު ނޫން އެހެން ތަނެއްގައި އެ ވަގުތު ކުއްޖާ އުޅުނުކަން ދެއްކުމަށް އެހެން މީހުން ލައްވައި، މިކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކުރުން ފަދަ ކަންކަން ކުރި އެވެ. އެ މީހުން އެކަން ކުރީ އެގޮތަށް، އެ ބޭނުމުގައިކަން، ތަހުގީގަށް ހޯދިފައިވާ ކަމަށާއި ހެކި އުފައްދަން އުޅުނަސް ފުލުހުން "އެއް ފިޔަވަޅު ކުރީގައި" ތިބުމުން އެކަން ކާމިޔާބު ނުވީ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ހާދިސާ ހިނގައިފައިވާ ގޮތަށާއި، ތުހުމަތު ކުރެވޭ މީހުން މި އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، މި މީހުންނަކީ، މުޖްތަމައަށް އިންތިހާއަށް ނުރައްކާތެރި ބައެއްކަމަށް ގަބޫލުކުރެވޭތީ، އެ އެންމެން އަދިވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި މިއީ އަވަހަށް ޝަރީއަތް ހިންގައި ނިންމަންޖެހޭ ފަދަ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިފަދަ ކޭސްތަކުގައި ޝަރީއަތް އަވަސްވި ވަރަކަށް ކުށް ސާބިތުކުރުމުގެ ރޭޓް މަތިކަން ތަފާސް ހިސާބުތަކުން ދައްކާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޒަޔާންގެ މަރުގެ މައްސަލައަކީ، ކުޑަކުދިންތަކެއް ލައްވާ ޖިނާއީ ކުށެއް ކުރުވުމުގެ ދައުވާ އެންމެ ގިނަ ބަޔެއްގެ މައްޗަށް އެއް މައްސަލައެއްގައި ދައުވާތައް އުފުލި މައްސަލަ އެވެ.
ޒަޔާންގެ މަރާ ގުޅިގެން މިހާތަނަށް 11 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.
ޕީޖީ އޮފީހުން ވަނީ މި ހަތަރު ކުދިންގެ މައްޗަށް ދައުވާ ކުރަން މިދިޔަ އޮކްޓޫބަރު މަހު ފޮނުވާފަ އެވެ. ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރީ އޭގެން އެއް ކުއްޖެއްގެ މައްޗަށެވެ. އަނެއް ތިން ކުދިންގެ މައްޗަށް ކުރީ، ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މި މައްސަލައިގައި ހިމެނޭ ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެހެންވެ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، އެ ކުދިން ކުށުގެ ވެއްޓާ ދުރުކުރަން ޑައިވާޝަން ފުރުސަތު ވަނީ ދީފަ އެވެ.
މަރުގެ މި މައްސަލާގައި، ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ ދައުވާތަކުގެ އިތުރުން ދެ މީހެއްގެ މައްޗަށް ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އަދި ފަސް މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.