ބްރުސެލްސް (28 ނޮވެމްބަރު) - ގަތަރު ވޯލްޑް ކަޕްގައި އިއްޔެ މޮރޮކޯއާއި ބެލްޖިއަމް ބައްދަލުކުރި މެޗުން ބެލްޖިއަމް ބަލިވުމުން އެ ގައުމުގެ ރައްޔިތުން ގައުމުގެ އެކި މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މަގުމައްޗަށް ނުކުމެ ހިންގި ހަމަނުޖެހުންތައް ހިނގާފައިވަނީ އުފާ ފާޅުކުރަން ނުކުތް މޮރޮކޯއަށް އުފަން ބެލްޖިއަމްގެ ގައުމީ ނިސްބަތް ހޯދާފައިވާ މީހުންނާއި އެގައުމުގެ ރައްޔިތުންނާ ދެމެދުގަ އެވެ.
މި ހަމަނުޖެހުންތައް ފުލުހުން ރޫޅާލާފައިވަނީ ކަރުނަ ގޭހާއި އެނޫން ވެސް ބާރުގެ ބޭނުން ކޮށްގެންނެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފައި ވެސްވެ އެވެ.
ހަމަނުޖެހުންތަކުގައި ބައެއް މީހުން ވަނީ އަލިފާން ހިފާ ޒާތުގެ އެއްޗެހި ބޭނުންކޮށްފަ އެވެ. މިކަންކަމުގެ ތެރެއިން ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ނަތީޖާއެއްގެ ގޮތުން ފުލުހުން ވަނީ ބެލްޖިއަމްގެ މައި މަގުތައް ބަންދުކޮށް އާއްމު ދަތުރުފަތުރުވެސް ހުއްޓުވާފަ އެވެ. ބްރުސެލްގެ މޭޔަރު ފިލިޕް ކްލޯޒްވަނީ ސަޕޯޓަރުން ގޭގައި ތިބުމަށް ގޮވާލާފަ އެވެ.
ބެލްޖިއަމްގެ އިތުރުން އެމްސްޓަޑަމްއާއި ނެދަލޭންޑްސްގައި ވެސް މިކަމާ ގުޅިގެން ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.
އިއްޔެ ކުޅުނު މެޗުގައި ބެލްޖިއަމްގެ މައްޗަށް މޮރޮކޯ ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު ބެލްޖިއަމްއަށް ދެވަނަ ބުރުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. --ސްކައި ނިއުސް