ކަމާބެހޭ ފަންނީ މައޫލޫމާތުގެ އަލީގައި ނައިޓްރޮޖެން މެނޭޖްކުރުމަށް ރާއްޖެއިން ޕޮލިސީތައް ހަދައި ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ހައްލުހޯދުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް (އެސްއޭއެންއެޗް)ގެ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ "މޭސިވް އޯޕެން ލާނިންގ ކޯސް" އަދި ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް މޯލްޑިވްސްގެ ކަންޓްރީ ރިޕޯޓް ނެރެދެއްވާފަ އެވެ.

މި ކަންޓްރީ ރިޕޯޓްގައި ރާއްޖޭގައި ނައިޓްރޮޖެންގެ ޙާލަތު ހުރިގޮތާއި މެނޭޖްމަންޓް ސްޓްރެޓެޖީތައް އެކުލެވިގެންވެ އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި، "ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް" (އެސްއޭއެންއެޗް)ގެ ބައްދަލުވުން ރާއްޖޭގައި ބޭއްވޭތީ އެކަމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި މި ބައްދަލުވުމަކީ ނައިޓްރޮޖެން މެނޭޖްކުރުމުގެ ކަންކަން އިލްމީ އަދި ދިރާސާގެ މައްޗަށް ބިނާކޮށްގެން ކުރިޔަށްގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަން އެ މަނިކުފާނުފާނު ފާހަގަކުރެއްވި އެވެ. އަދި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކަމަށް ތަޢުރީފް ކުރައްވާފަ އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅެމުންދާ ނާޒުކު ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި، ސިނާއަތްތަކާއި، ވިޔަފާރިތަކަށާއި، ފަރުދުންގެ ސިއްހަތާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ވެސް ނުރައްކާ ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ހަމައެހެންމެ، ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުމަށްޓަކައި، އެކި ދާއިރާތަކުން ނައިޓްރޮޖެން މަދުކުރުމުގެ ސިޔާސަތުތައް އެކުލަވާލާއިރު އޭގައި ނައިޓްރޮޖެން މަދުކުރުމުގެ އަމާޒުތައް ކަނޑައެޅުމާއި ނައިޓްރޮޖެންގެ ޙާލަތު އޮތްގޮތް ދެނެގަތުމާއި މި ޕްލޭންތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވަނީ، ދެކުނު އޭޝިއާގެ އާބާދީ މިހާރު ދެ ބިލިއަނަށް ވުރެ މައްޗަށް ދާއިރު 2050 ވަނަ އަހަރާ ހަމައަށް އަންނަ އިރު މި އަދަދު ދެގުނަ ވެގެންދާނެކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ މި ސަރަހައްދުގައި ދަނޑުވެރިކަމުގެ ތެރޭގައި ބޭނުންކުރާ ނައިޓްރޮޖެންއާއެކު 2050 ވަނަ އަހަރާހަމައަށް ދާއިރު ދުނިޔޭގައި އެންމެގިނައިން ނައިޓްރޮޖެން ބޭނުންކުރާ ސަރަޙައްދަކަށް ވެސް މި ސަރަޙައްދު ވެގެންދާނެކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަމުގެ ސަބަބުން މި ސަރަޙައްދުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށްޓާއި، ތަރައްޤީގެ ކަންކަމުގައިވެސް ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެސްއޭއެންއެޗްގެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ އަށް ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ދިވެހިރާއްޖެ އެވެ.