މިދުވަސްވަރު ބޮލީވުޑްގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ މަޝްހޫރު ދެ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތްރާގެ ކައިވެނީގެ ވާހަކަ އެވެ. މިއީ މީޑިއާގައި ކޮންމެ ދުވަހަކު ސުރުހީ އަޅަމުން އަންނަ ވާހަކައެކެވެ.

ބޯލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކިއާރާ އާއި ސިދާތު މިއަހަރުގެ ޑިސެންބަރު މަހު ކައިވެނި ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ކައިވެންޏަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ދެ ފަރާތުގެ އާއިލާއިން ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ކިއާރާގެ ކައިވެނީގެ ވާހަކަ ގަދަވެފައިވަނިކޮށް އޭނާ އިންސްޓަގްރާމުގައި ކޮށްފައިވާ ވީޑިއޯ ޕޯސްޓްގެ ކެޕްޝަންގައި ޖަހާފައިވަނީ ދެން މާގިނަ ދުވަހެއް އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ސިއްރެއްގެ ގޮތުގައި ނުބޭވޭނެ ކަމަށްވެސް ކިއާރާ ވަނީ ބުނެފަ އެވެ.

ކިއާރާ ވަނީ ޑިސެންބަރު ދެ ވަނަ ދުވަހަށް އިންތިޒާރު ކުރުމަށްވެސް އެދެފަ އެވެ.

ސުވާލަކީ ކިއާރާ މިދައްކަނީ އޭނާގެ ކައިވެނީގެ ވާހަކަތޯ އެވެ.

ކިއާރާގެ މި ޕޯސްޓަށް އެތައް ބަޔަކު ކޮމެންޓްކުރަމުންދާއިރު ގިނަބަޔަކު ބުނަމުންދަނީ ކިއާރާ އެއުޅެނީ އޭނާގެ ކައިވެނީގެ ވާހަކަ ފޭނުންނާ ހިއްސާކުރަން ކަމަށެވެ. އަދި ޑިސެމްބަރު 2 ވަނަ ދުވަހަށް އިންތިޒާރުކުރަން އެބުނީ އެދުވަހުން ކިއާރާއާއި ސިދާތުގެ ކައިވެނި އޮންނާނެ ތާރީހުވެސް ހާމަކުރަން ތައްޔާރުވާތީ ކަމަށް ބައެއް މީހުން އެބަ ބުނަމުން ގެންދެ އެވެ.

ކިއާރާ އަދްވާނީ އެންމެފަހުން ސިނަމާތަކުން ފެނިގެންދިޔައީ ރާޖް މެހްތާގެ "ޖަގްޖަގް ޖީޔޯ"އިންނެވެ. އަދި އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ ނާމް މޭރާ"އާއި "ސަތިޔާޕްރޭމް ކީ ކަތާ" ހިމެނެއެވެ. އަދި ހަމައެހެންމެ އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް"އިން އެންމެ ފަހުން ފެނިގެންދިޔަ ސިދާތް މަލްހޯތްރާ އާއި ކިއާރާ އެކީގައި ވެސް ދާދި ފަހުން ފިލްމެއްގައި ވަނީ މަސައްކަތް ކޮށްފައެވެ. އެއީ 2021 ވަނަ އަހަރު ރިލީޒްކުރި "ޝޭރްޝާހް"އެވެ. 2010ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ސިދާތްގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޔޯދާ"އާއި "މިޝަން މަޖްނޫ" ހިމެނެއެވެ.