(16 ޑިސެމްބަރު) - ހުކުރު ދުވަހު ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދެއްގެ ސްކޫލަކަށް ދިން ހަމަލާއަށްފަހު އެ ސްކޫލުގެ 300 އަށް ވުރެ ގިނަ ކުދިން ވަގަށް ނެގިކަމަށް އެގަމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް އިން ބުނެފި އެވެ.
ބޯކޯ ހަރާމްގެ ލީޑަރު ކަމަށް ބުނާ މީހަކު ފޮނުވި އޯޑިއޯ މެސެޖެއްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ސްކޫލް ކުދިންތަކެއް ރަހީނުކުރީ އެމީހުން ކަމަށެވެ. އަދި ސްކޫލަށް ހަމަލާ އަމާޒުކުރީ ސްކޫލުގައި ހުޅަނގުގެ އިސްލާމްދީނާއި ދެކޮޅު ގޮތްތަށް ކުދިންނަށް ކިޔަވައިދޭތީ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުގެ އޮފިޝަލުން ބުނި ގޮތުގައި ވަގަށް ނެގީ ކިހާ ކުދިންނެއް ކަމެއް ނޭނގޭ ކަމަށާއި، ސްކޫލަށް ހަމަލާދިން ވަގުތު ބައެއް ކުދިން ހަނގުރާމަވެރިންގެ ކިބައިން ސަލާމާތްވާން އެކި ތަންތަނަށް ދުވެފިލާފައިވާ ކަމަށާއި މީގެ ތެރެއިން ބައެއް ކުދިން އެކުދިންގެ ގެއަށް ފަހުން އައިސްފައިވާ ކަމަށެވެ.
ސޭވް ދަ ޗިލްޑްރެންގެ ނައިޖީރިއާގެ ޑައިރެކްޓާ ޝެނޮން ވާޑް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސެނޮން ވިދާޅުވިގޮތުގައި ސްކޫލްތަކަކީ ކުދިންނަށް ރައްކާތެރި ތަންތަނަށް ވާންޖެހޭނެ ކަމަށާއި، ނަމަވެސް މި ފަދަ ކަންތައްތަކުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދާއިމަށް ގެއްލުންވާނެ ކަމަށެވެ. އަދި ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދުމަށް އެންމެން ވެސް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި އެވެ.
ބޯކޯ ހަރާމްއަކީ 2009 ވަނަ އަހަރުން ފެށިގެން ނައިޖީރިއާގައި އިރުއުތުރުގައި އަމިއްލަ ދައުލަތެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ހަތިޔާރުއެޅި ޖަމާއަތެކެވެ.
ސްކޫލް ކުދިން ވަގަށް ނެގުމަކީ މިޖަމާއަތުން ވަރަށް ގިނައިން ކުރާ ކަމެކެވެ. 2014 ވަނަ އަހަރު މި ޖަމާއަތުން ވަނީ ނައިޖީރިއާގެ ޗިބޮކް ސަރަހައްދުން 300 އަންހެން ކުދިން ވަގަށް ނަގާފަ އެވެ. މިކުދިން ދޫކޮށްފައިވަނީ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި އެމީހުންގެ ހަނގުރާމަވެރިން ދޫކުރުމަށް ސަރުކާރާއެކު ވެވެނު އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް މީގެ ތެރެއިން ވެސް ހުރިހާ ކުދިންނެއް ދޫކޮށްފައި ނުވެ އެވެ. ޔުނިސެފް އިން ބުނި ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 1000 އަށް ވުރެ ގިނަ ކުދިން ބޯކޯ ހަރާމް އިންވަނީ ވަގަށް ނަގާފަ އެވެ. – ސީއެންއެން