ގއ. ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން އަހަރުގެ އަންހެން ކުއްޖަކު މާލެ ގެންނަން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދާންދޫގައި ދުއްވާފައި ދިޔަ ސައިކަލަކުން ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހި މިއަދު 18:10 ހާއިރު އެކްސިޑެންޓް ވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލުން ޖެހި ތިން އަހަރުގެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ސައިކަލް ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށް ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ އަކީ އީ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ޏ. ފުވައްމުލަކު ކުއްޖަކަށެވެ. އެ ކުއްޖާ އެރަށަށް ދިޔައީ އާއިލާއާ އެކު އެވެ.

އާއިލާއާ ހަވާލާދީ ދާންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މުހައްމަދު ވިދާޅުވީ އިތުރު ފަރުވާއަށް އެ ކުއްޖާ މާލެ ގެނައުމަށް ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ.

"އެ ކުއްޖާ ލޭ މަނާނުވޭ އިނގޭތޯ،" އިސްމާއީލް ވިދާޅުވި އެވެ.