މަސްވެރިކަމުގެ އުޅަނދުތަކުގައި ސީދާ މަސްވެރިކަން ކުރަން ބިދޭސީންނަށް ނޫޅެވޭ ގޮތަށް އޮތް މާއްދާ އުވާލައި މަސްވެރިކަން ކުރަން ބިދޭސީން ގެންގުޅެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

ގަވާއިދުގައި ކުރިން އޮތް ގޮތުން ބިދޭސީންނަށް އުޅެވޭނީ މަސް ދޯންޏެއްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ކެއްކުން ފަދަ ކަންކަމުގައި އެކަންޏެވެ. އަދި މަސްދޯންޏެއްގައި އެގޮތަށް އުޅެވޭނީ ގިނަވެގެން ދެ ބިދޭސީއަކަށެވެ. އަދި އެގޮތަށް ގެންގުޅޭ ބިދޭސީންނަށް ވެސް ހާއްސަ ކޯޓާއެއް ނަގަން ޖެހޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ގަވާއިދާށް އަލަށް ގެނައި އިސްލާހުގެ ދަށުން މަސްދޯނިފަހަރުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ އުޅަނދެއްގެ ކުޑަ ބޮޑުމިނުންނެވެ. އަދި މަސްވެރިންގެ ގޮތުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ފުރުސަތު މި ވަނީ ފަހިކޮށް ދީފަ އެވެ. އެގޮތުން 15 ފޫޓަށް ވުރެ ކުދި އުޅަނދުތަކުގައި 4 ބިދޭސީން، 15-24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން، އަދި 24 މީޓަރަށް ވުރެ ބޮޑު އުޅަނދުތަކުގައި 8 ބިދޭސީންނަށް އުޅެވޭނެ އެވެ.

ގަވާއިދުގައި އޮތްގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީންނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯކްޕާމިޓެއް އޮންނަ ބިދޭސީންނަށް ވާންޖެހެ އެވެ. އަދި މަސްދޯނިފަހަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބިދޭސީން ގެންގުޅެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ކޯޓާ ހޯދައިގެންނެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި ބިދޭސީންނަށް މުސާރައާއި އިނާޔަތް ދިނުމުގައި އޮޑިވެރިން ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.