ރަސްމާލޭގައި ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އީގަލް ހިލްސްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާނުލާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި ރިސޯޓުތައް ހިންގަން 99 އަހަރަށް ރަށްރަށް ކުއްޔަށް ދޭ އުސޫލުން ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށެވެ. އެގޮތަށް ރަށްތައް ކުއްޔަށް ދީފައިވާ ތަންތަނުގައި ބޭރުގެ އިންވެސްޓަރުން މިހާރު ވެސް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން 99 އަހަރަށް ލީސްކޮށްގެން ހިންގާ މި ތަރައްގީގެ މަޝްރޫއަކީ އެއްވެސް ގޮތަކަށް ރާއްޖޭގެ ބިމުން އެންމެ ބިންކޮޅެއް ވެސް ވިއްކާލެވޭނެ ގޮތަށް ހިންގޭ މަޝްރޫއެއް ނޫން ކަމަށް ޒަރީރު ވިދާޅުވި އެވެ.
ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއް ވެސް ބޭރު ބަޔަކަށް ވިއްކާނުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ އުސޫލު އަބަދުވެސް ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
"ރާއްޖޭގައި ވަރަށް ގިނަ އިންވެސްްޓާސް ވަރަށް ގިނަ ޕްރޮޕަޓީސްތައް މިހާރު ވެސް އެބަ ހިންގާ. ރިސޯޓުތައް ވެސް އެބަ ހިންގާ، ބޮޑެތި، 200-300 ޑޮލަރުގެ ރިސޯޓް ޕްރޮޕަޓީތައް އެބަ ޑިވެލޮޕްކުރޭ. އެ ޕްރޮޕަޓީތައް ވެސް މި ޑިވެލޮޕް ކުރެވެނީ ގާތްގަނޑަކަށް 99 އަހަރާ ހަމައަށް، ރާއްޖޭގެ މިހާރުގެ ލީގަލް ފްރޭމްވޯކް ތެރެއިން 99 އަހަރާ ހަމައަށް ލީސްކޮށްގެން މި ޑިވެލޮޕްެމެންޓަކީ ވެސް ހަމައެ އުސޫލުން [ހެދި އެއްބަސްވުމެއް] އެއްވެސް ގޮތަކަށް މިއީ ރާއްޖޭގެ އެއްވެސް ބިމެއް، އެންމެ ބިންކޮޅެއް ވެސް ވިއްކާލެވޭނެ ގޮތަށް ހިންގޭ ޕްރޮޖެކްޓެއް ނޫން،" ޒަރީރު ވިދާޅުވި އެވެ.
އީގަލް ހިލްސްއާ ހަވާލުކުރި މަޝްރޫއުގައި ތަރައްގީކުރާ ތަންތަނުގެ މިލްކުވެރިކަން އޮންނާނީ ރާއްޖެއަށް ކަމަށާއި އެ ކުންފުންޏަށް ލިބޭނީ ފަތުރުވެރިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ކުއްޔަށް ހިފުމުގެ ހައްގު ނުވަތަ "ލީސް ރައިޓްސް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަސްމާލޭގައި ހިންގާ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް މަޝްރޫއުގެ ދަށުން ތިން ރިސޯޓަކާއި މެރީނާއެއްގެ އިތުރުން ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ ގިނަ ހިދުމަތްތަކެއް ގާއިމުކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އީރާނުގެ އެއާލައިންތައް މާދަމާ ހުއްޓުމަކަށް އަންނާނެ: ބެސެންޓް
އެންމެ ފަހުން ކުށަށް އިއުތިރާފްވެ އެޑް ޝީރަން މައާފަށް އެދެފި
ވެޓެރަން އެކްޓަރު އަނުޕަމްއަށް އޮހާއޯ ސްޓޭޓްގެ ހާއްސަ ޝަރަފެއް!
