ރާއްޖެއިން ބޭރުގެ ބުކިން ވެބްސައިޓެއްގެ ނަމާ ވައްތަރު ނަމެއްގައި ރާއްޖޭގައި ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާތީ އެ ނަން ބަދަލުކުރަން ބޭރުގެ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ.

ދިވެހި ސަރުކާރާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ މެލޭޝިއާގެ ޓްރެވަލް އެޖެންސީ ކުންފުންޏެއް ކަމަށްވާ އެންޑް ޓްރެވަލްސް ސިންދްރަމް ބަރްހާދް އިންނެވެ. އެ ކުންފުނިން ދައުވާކުރީ އެ ކުންފުނިން މެލޭޝިއާގައި ރަޖިސްޓްރީކޮށްގެން ހިންގާ ބައިނަލްއަގްވާމީ ބުކިން ވެބްސައިޓެއް ކަަމަށްވާ މައިއެންޒެޑްޓްރިޕް.ކޮމްގެ ނަމާ ވައްތަރު ނަމެއް ކަމަށްވާ މައިއެންޒެޑްޓްރިޕް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރާއްޖޭގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައި އޮތުމުންނެވެ.

މެލޭޝިއާ ކުންފުނިން ވަނީ އެ ނަމުގައި އެހެން ބަޔަކަށް ރާއްޖޭގައި ވިޔަފާރިއެއް ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީއަށް ޝަކުވާ ހުށަހަޅައިފަ އެވެ. ނަމަވެސް އެ މިިނިސްޓްރީން ނިންމީ ދިވެހި ކުންފުނީގެ ނަން ބަދަލުކުރަން ނޭންގޭނެ ކަމަށެވެ.

އެ މައްސަލަ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމުގައިވަނީ ރާއްޖޭގައި ވިޔަފާރި ނަމެއް ރަޖިސްޓްރީކޮށް ނުދެވޭނީ އެ ނަމަކީ މަޝްހޫރު ނަމެއް ނަމަ ނުވަތަ އެ ނަން އެހެން ފަރާތަކުން ބޭނުންކޮށްފިނަމަ އޮޅުން އަރާނެ ހާލަތެއް އޮތްނަމަ ކަމަށެވެ. ނަމަވެސް މެލޭޝިއާ ކުންފުނިން ހުށަހެޅި ލިޔުންތަކަށް ބަލާއިރު އެފަދަ އޮޅުމެއް އާންމުންނަށް އަރާނެ ހާލަތެއް އޮތް ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން ދިވެހި ކުންފުނީގެ ނަން ބަދަލު ނުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.