ބްރަސަލްސް (16 ޑިސެމްބަރު) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސްކީމުގެ ތެރެއިން، އެގައުމުތަކަށް 2024 ވަނަ އަހަރާ ހަމަޔަށް ވެސް ވެކްސިން ނުލިބިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ރާއްޖެ ވެސް ކޮވިޑް ވެކްސިން ހޯދުމަށް ބައިވެރިވެފައި ވަނީ މި ސްކީމްގަ އެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސް ޕްރޮގްރާމަކީ ދުނިޔޭގެ ފަގީރު ގައުމުތަކާއި އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ރައްޔަތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސްކީމެކެވެ. މިޕްރޮގްރާމްގެ މަގްސަދަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކު މީހުންގެ 20 ފަސެންޓް މީހުންނަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އަދި އަގުހެޔޮކޮށް ގައުމުތަކަށް ވެކްސިން ދިނުމެވެ.

މި ޕްރޮގްރާމް ޕްރޮމޯޓްކޮށް އަދި ކޯޑިނޭޓްކުރާ ފަރާތްތަކުގެ އިންޓާނަލް ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި ވެކްސިން ފޯރުކޮށްދިނުމުގެ ބޮޑު މަސައްކަތައް ދިމާވާނެ ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން އެންމެ އެކަށޭނެ ވަގުތެއްގައި، އެކަށޭނެ މިންވަރަށް ގައުމުތަކަށް ވެކްސިން ފޯރުކޮށްނުދެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި ބޭނުން ވާވަރަށް ފަންޑު ނުލިބުމާއި ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުން އަދި އެކަންކަން ހަމަޖެއްސުމުގައި ދިމާވާ ލޮޖިސްޓިކް މައްސަލަތައް ހިމެނެ އެވެ.

ކޯވެކްސް ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ ގިނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިން ވަނީ އެސްޓްރާޒެނެކާ، ނޯވާވެކްސް އަދި ސަނޯފީއާއެކު 400 މިލިއަން ވެކްސިން ފޯރުކޮށްދިނުމަށް އަދި ބޭނުންވެއްޖެ ނަމަ އިތުރުށް އޯޑަރު ކުރެވޭނެ ގޮތަށް އެއްބަސްވުމެއް ހަދާފަ އެވެ.

އެ ކުންފުނިތަކާއެކު އެއްބަސްވުން ހެދީ މި ކުންފުނިތަކުން އުފައްދާ ވެކްސިނަކީ ފައިޒާ އަދި ބަޔޯ އެން ޓެކުން އުފައްދާ ވެކްސިނަށްވުރެ އަގުހެޔޮ ވެކްސިނަކަށް ވާތީވެ އެވެ. ނަމަވެސް އެ ކުންފުނިތަކުން އުފައްދާ ވެކްސިންތަކުގެ ކްލިނިކަލް ޓްރަޔަލްތަކުން މައްސަލަތައް ކުރިމަތިވެ، ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް ހުށަހެޅުން ވަނީ ލަސްވެފަ އެވެ.

ކޯވެކްސްގެ ޑޮކިއުމަންޓްތަކުން ލަފާކޮށްފައިވާ ގޮތުގައި އެކުންފުނިތަކުން އުފައްދާ ވެކްސިން 5.20 ޑޮލަރަށް ގަންނަން ލިބޭނެ އެވެ. އެއާ ހިލާފަށް ފައިޒާ އަދި މޮޑާނާއިން އުފައްދާފައިވާ ވެކްސިންގެ އަގު އުޅެނީ 18.40 ޑޮލަރާއި 37 ޑޮލަރާއި ދެމެދުގެ އަގުތަކުގަ އެވެ. އަދި ވެކްސިން ރައްކާތެރިކަމާއެކު ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބަހައްޓަން ތަފާތު ފިނިކުރާ އާލާތްތަށް ބޭނުން ކުރަންޖެހެ އެވެ. އަދި މީގެ އިތުރުން އިތުރު ހަރަދު ވެސް މިކަމަށް ހިނގަ އެވެ.

ގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމަށް ހެޔޮއަގުގައި ފައިޒާ އަދި ބަޔޯ އެން ޓެކްގެ ވެކްސިން ލިބޭތޯ ވާހަކަތައް ކުރިއަށްދާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ އަންގާފަ އެވެ. ނަމަވެސް މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުއްސަނދި ގައުމުތަކުން އެގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދުމަށް އޯޑަރު ކޮށްފައިވުމުންނާއި ޑިމާންޑާ އެއްވަރަށް ވެކްސިން އުފެއްދިފައި ނުވާތީ އިތުރު ގައުމަކަށް ވެކްސިން ލިބުމުގެ ފުރުސަތު އޮތީ މިގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިންދީ ނިމުމުން ކަމަށް މި ޑޮކިއުމަންޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

މި މަސައްކަތައް ބޭނުންވާ ފަންޑް ހޯދުމަކީ މިކަމުގައި ދިމާވާނެ އެންމެ އުނދަގޫ ކަމެވެ.

ކޯވެކްސް ޕްރޮގްރާމްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް މިހާރު ލިބިފައިވާ 2.1 ބިލިއަން ޑޮލަރުގެ އިތުރަށް 4.9 ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

މިހާތަނަށް މި ފަންޑަށް ފައިސާ ދީފައިވަނީ އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގެ އިތުރަށް އެހެނިހެން ފައުންޑޭޝަނުންނެވެ. އެމެރިކާ އަދި ޗައިނާއިން މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދީފައެއް ނުވެ އެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމާއެކު އެ ގައުމެއްގެ ރައްޔަތުންނަށް ބޭނުންވާނެ ވަރަށް ވެކްސިން ގަތުމަށް ހަރަދުކުރުމަކީ ކޮންމެ ގައުމަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިހެންވެ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ގަތުމަށް ވޯލްޑް ބޭންކް އަދި އެހެނިހެން ބޭންކްތަކުން ލޯނު ނެގޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް އެގައުމެއް އިހްތިޔާރުކުރާ ކުންފުންޏަކުން ހެޔޮއަގުގައި ވެކްސިން ގަތުމަށް އެއްވެސް ހުރަހެއް ނެތެވެ. – ރޮއިޓާސް