ތަހުގީގު ކުރަމުން އަންނަ މަނީ ލޯންޑަރިންގެ ބޮޑު މައްސަލައެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރާ ބޮލީވުޑްގެ ތަރި، ޖެކްލިން ފެނަންޑޭޒްގެ ގާތް ރަހުމަތްތެރިޔަކު އެ މައްސަލާގައި ހައްޔަރުކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދިއްލީ ޕޮލިސްގެ އިކޮނޮމިކް އޮފެންސް ވިންގް (އީއޯޑަބްލިއު) އިން ބުދަ ދުވަހު ހައްޔަރުކޮށްފައި ވަނީ ޖެކްލިންގެ ގާތް އެކުވެރިއެއް ކަމަށްވާ ޕިންކީ އިރާނީ އެވެ.
ޖެކްލީން އަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ އޭނާ ލޯބީގެ ގުޅުމެއް ބާއްވަމުން އައި ކަމަށް ބުނާ ސުކޭޝް ޗަންދުރަސޭކަރު އަޑީގައި ހުރެގެން ހިންގާފައިވާ ކަމަށް ބުނާ 200 ކްރޯޑް ރުޕީސްގެ މައްސަލައެކެވެ.
އޭނަގެ އަތުން ޖެކްލީން އަށް ހަދިޔާގެ ގޮތުގައި 10 ކްރޯޑް ރުޕީސްގެ ތަކެތި ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
މި މައްސަލާގައި އެންމެ ފަހު ހައްޔަރުކުރި ޕިންކީ އަކީ ޖެކްލިންނާއި ސެކޭޝް ތައާރަފްކުރި މީހާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާ ޓޫޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕިންކީ އާއި ދެކޮޅަށް އެކަށީގެންވާ ހެކިތައް ފުލުހުން ވަނީ ހޯދާފަ އެވެ. އަދި ޕިންކީގެ ބަންދަށް ތިން ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިކަމާ ގުޅިގެން ޖެކްލީންއާ އީޑީ އިން ފުރަތަމަ ސުވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ސުކެޝްއާ އަތުން އަގު ބޮޑެތި ހަދިޔާތައް ލިބުނު ކަމަށް ބުނާ މީހުންގެ ތެރޭގައި ބޮލީވުޑްގެ މިހާރުގެ މަޝްހޫރު "އައިޓަމް ގާލް" ނޯރާ ފަތުހީ ވެސް ހިމެނެ އެވެ. އެކަމަކު އޭނާ ވަނީ އެކަން ކުރިން ދޮގުކޮށްފަ އެވެ.
ސުކޭޝް އަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ޕާޓީ، އޭއައިއޭޑީއެމްކޭގައި ކުރިން އޮތް ވާދަވެރި ސަސީކަލާގެ ފެކްޝަންގެ ފަރާތުން ޕާޓީގެ ލޯގޯއެއް ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އަށް 2017 ގައި ރިޝްވަތު ދިންކަމުގެ ދައުވާ ވެސް އުފުލުނު މީހެކެވެ.
އޭނާގެ މައްޗަށް ކުރެވޭ 200 ކްރޯޑް މަނީ ލޯންޑްރިންގެ މައްސަލައިގެ ތަގުގީގު ކުރިއަށްދާ އިރު މަކަރާއި ހީލަތުގެ އެތައް ތުހުމަތެއް ސުކޭޝްގެ މައްޗަށް ކުރެވެ އެވެ.