ޕިޔޮންގްޔޭންގް (02 ޑިސެމްބަރު) - އުތުރު ކޮރެއާއިން މިފަހުން ޓެސްޓުކުރި ބެލިސްޓިކް މިސައިލްތަކާ ގުޅުވައިގެން އެމެރިކާއާއި އެ ގައުމަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.
އުތުރު ކޮރެއާއިން ވަނީ މިއަހަރު ތެރޭގައި 60 އަށް ވުރެ ގިނަ އިންޓަ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ޓެސްޓު ކޮށްފަ އެވެ. މިއީ ރެކޯޑް އަދަދެކެވެ.
މިއާއެކު އެމެރިކާއާއި ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާގައި ހުރި އުތުރު ކޮރެއާގެ އެ ސެޓުތައް ފްރީޒް ކުރެވޭނެ އެވެ. އަދި އެމެރިކާގެ އެއްވެސް ވިޔަފާރިއެއް ނުވަތަ ރައްޔިތަކާއެކު އުތުރު ކޮރެއާގެ ވިޔަފާރި ނުވަތަ އަމިއްލަ ފަރާތްތަކަށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރެވޭނެ އެވެ.
އެމެރިކާއާއި ހުޅަނގުގެގެ އިތުރުން ޖަޕާނާއި ދެކުނު ކޮރެއާއިން ވެސް ވަނީ މިކަމާ ގުޅިގެން އުތުރު ކޮރެއާއަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އުތުރު ކޮރެއާއިން 2006 އާއި 2017 އާ ދެމެދު ހަ ނިއުކްލިއާ ޓެސްޓެއް ކޮށްފައިވާ އިރު ހަތްްވަނަ ޓެސްޓަކަށް އެ ގައުމުން ތައްޔާރުވަމުން އަންނަ ކަމަށް ހުޅަނގުން ބުނެ އެވެ.
މިހާރުގެ ރައީސް ކިމް ޖޮން އުންގްގެ ވެރިކަމުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ބާރުތައް ވަރުގަދަކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގައުމުން އެންމެ ފަހުން ބެލިސްޓިކް މިސައިލްއެއް ޓެސްޓް ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެެވެ.
އެމެރިކާއިން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެކަމުން އުތުރު ކޮރެއާގެ ހަރަކާތްތަކަށް ބަދަލު ނާންނާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. -- ބީބީސީ