ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ގޯލްމާލް" ސީރީޒްގެ ފަސް ވަނަ ފިލްމުގައި މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ފެނިގެންދާނެ ކަމަށް އެފިލްމުގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތުގެ ޝެޓީ އެކްޓަރު ރަންވީރު ސިންގްއާ އެކު ހަދަމުން އަންނަ ކޮމެޑީ ފިލްމު "ސާކަސް" ގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ރޯހިތު ބުނީ ވަރަށް އަވަހަށް "ގޯލްމާލް" ސީރިޒްގެ ފަސް ވަނަ ފިލްމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މިފިލްމުގައި ރަންވީރުވެސް ފެނިގެންދާނެ ކަމަށް ރޯހިތު ބުންޏެވެ.
"ގޯލްމާލް 5" ފިލްމާ ބެހޭ ގޮތުން މިފިލްމުގައި މައި ބަތަލު އަޖޭ ދޭވްގަން މީގެ ކުރިން ބުނެފައިވަނީ މިފިލްމުގައި ކުރީގެ ފިލްމުގެ މައިގަނޑު ކާސްޓް ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ތުޝާރު ކަޕޫރާއި ޝްރެޔަސް ތަލްޕަޅޭ އާއި ކުނާލް ކޭމޫ ހިމެނެ އެވެ. މި ސީރީޒްގެ ކޮންމެ ފިލްމަކާ އެކު، ބަތަލާއިން ތަފާތުވެ އެވެ.
ދެހާސް ސަތާރައިގައި ރިލީޒްކުރި "ގޯލްމާލް އެގެއިން" ގެ ބަތަލާއިންނަކީ ޕަރިނީތީ ޗޯޕްޅާ އާއި ތައްބޫ އެވެ.
"ގޯލްމާލް" އަކީ 2006 އިން ފެށިގެން ގެނެސްދެމުން އަންނަ ސީރީޒެކެވެ. މީގެ ދެވަނަ ބައި "ގޯލްމާލް ރިޓާންސް" 2008 ގައި ގެނެސްދިނުމަށް ފަހު، ތިން ވަނަ ބައި "ގޯލްމާލް 3" ގެނެސްދިނީ 2010 ގަ އެވެ.
"ގޯލްމާލް 5" އިން ރަންވީރު ފެނިގެންދާއިރު މިފިލްމު ވެގެންދާނީ ރޯހިތު ޝޭޓީއާއެކު ރަންވީރު މަސައްކަތް ކުރާނެ ހަތަރު ވަނަ ފިލްމެ އެވެ.
އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވ "ސާކަސް" އަކީ ރޯތިހު ޝެޓީ އާއި ރަންވީރު އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. ރޯހިތުގެ ޝެޓީގެ މި ފިލްމަކީ މަޝްހޫރު އިނގިރޭސި އަދީބް ޝޭކްސްޕެއާގެ ފްލޭއެއް ކަމަށްވާ "ކޮމެޑީ އެރާސް" އަށް ބިނާކޮށް ހަދާފައިވާ ޕީރިއަޑް ކޮމެޑީ ފިލްމެކެވެ.
އަންނަ މަހުގެ 23 އަށް ތާވަލުކޮށްފައިވާ "ސާކަސް" ގެ ކާސްޓްގައި ޖެކްލިން ފެނާންޑޭޒް، ވަރުން ޝަރުމާ، ޕޫޖާ ހެގްޅޭ، ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުކޭޝް ތިވާރީ އަދި މުރާލީ ޝަރުމާ ފަދަ ތަރިން ހިމެނެ އެވެ. އަދި މި ފިލްމުގެ ޚާއްސަ ފެނިލުމަކުން ދީޕިކާ އާއި އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.
"ސާކަސް" ގައި ރަންވީރު އާއި ވަރުން ފެންނާނީ ޑަބަލް ރޯލުތަކުންނެވެ. މި ފިލްމަކީ މި އަހަރު ރިލީޒްވާ ރަންވީރުގެ ދެވަނަ ފިލްމެވެ. މި އަހަރުގެ މެއިގައި ރިލީޒްކުރި އޭނަގެ "ޖަޔޭޝްބާއީ ޖޯރްދާރު" އަކ މާ ކާމިޔާބު ފިލްމެއް ނޫނެވެ.