ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް ވެސް ގާތް ރައްޓެހިގެން ކުންފުނިތަކުން މިލިއަން ރުފިޔާގެ ވިޔަފާރިކުރަނީ އެވެ. މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަނބި މީހާގެ ބޭބެ އަށް އެތައް މިލިއަން ރުފިޔާގެ ވިޔަފާރިއެއް ދީފި އެވެ. ނުކުރާ މަސައްކަތަކަށް ވެސް ދިން އެތައް ލައްކަ ރުފިޔާ އެވެ. ކުންފުނީގެ އިސްތިހާރު ދެއްކުމަށް އެގްރިމަންޓް ހަދައި، އިސްތިހާރު ނުދެއްކިއަސް ލައްކައިން ފައިސާ ދިނެވެ.

މިފަދަ އެތައް މައްސަލައެކެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މަގާމު ގެއްލިދާނެކަމުގެ ބިރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރުއްސަން ވަޒީފާ ބަހަނީ އެވެ. ހަމައެއް ލަމައެއް ނެތި މުވައްޒަފުންނަށް ޕްރޮމޯޝަންތައް ބަހާއިރު، ހިތް ނުޖެހޭ މުވައްޒަފުންތައް ދަނީ ބޭރުކުރަމުންނެވެ.

ކޮރަޕްޝަންގެ މިފަދަ އެތައް ކަމެއްގެ ބޮޑު ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިތާ އެތައް މަހެއް ވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ނައިބު ރައީސް ފައިސަލާއި އެހެން ބައެއް މިނިސްޓަރުންނާއެކު.

އެ މައްސަލަތައް ކުރިޔަށް ނުދަނީ ސައީދުގެ އެކުވެރިއެއް ކަމަށްވާ، ކޮމިޝަނުގެ މެމްބަރެއް ކަމަށްވާ އަލީ އަޝްރަފް ހުރުމުން ކަމަށް ވެސް މައްސަލަ ހުށަހެޅި ބައެއް މީހުން ތުހުމަތުކުރެ އެވެ. އަދި އެ މައްސަލާގައި ސަރުކާރުގެ ތެރެއިން ފިޔަވަޅެއް ނޭޅެނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ނުފޫޒާ ހެދި ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއާ ސަލާމްކުރައްވަނީ.

މިއީ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޕަބްލިކް ރިލޭޝަން ހިންގުމަށް ކަމަށް ބުނެ، ކުންފުންޏަކާއެކު އެގްރިމަންޓެއް ހަދައި، އެއްވެސް ހިދުމަތެއް ނުދީ، އެ އެގްރިމަންޓަށް ބަދަލު ގެނެސް، 848،000ރ. ދީފައިވެ އެވެ. މީގެ އިތުރުން ފެނަކަ އާއި ސެލްމިން ސްޓޫޑިއޯ އާއެކު އެއްބަސްވުމެއް ހަދައި "މާކަނާ" ޝޯގެ ތެރެއިން އިސްތިހާރު ދެއްކުމަށް ކަމަށް ބުނެ، 95،400ރ. އެ ކުންފުންޏަށް ދެއްކިއިރު އެއްވެސް އިސްތިހާރެއް ދައްކާފައެއް ނުވެ އެވެ.

އޭސީސީއަށް ހުށަހެޅި ބައެއް މައްސަލަތައް

  • ވޯޓަ ޕްރޫފް ޕެޑް ލޮކްތަކެއް ގަތުން: ކުންފުނީގެ ބަޖެޓުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހޭދަކޮށްގެން މި ތަކެތި ގަތީ ފެނަކައިގެ ޕްރޮކިއުމެންޓް އުސޫލުތަކާ ޚިލާފަށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާވާ ގޮތަށް ކަމަށް ތުހުމަތު ކޮށްފައިވޭ. އިއުލާން ނުކޮށް ކުއީން އިންޖިނިއަރިން އަތުން ނެގި މި ތަކެތި ބޭނުން ނުކުރެވޭނެ ކަން ފައިސާ ދިނުމުގެ ކުރިން ވެސް ޓެކްނިކަލް މުވައްޒަފުން ފާހަގަކުރި ކަމަށް މައްސަލައިގައިވޭ. މި ތަކެއްޗަކީ ކުރީގެ ސަރުކާރުން އިއުލާންކުރުމަށްފަހު، ބޭނުން ނުކުރެވޭ ތަކެއްޗަށް ވާތީ ނުގަންނަން ނިންމާފައިވާ ތަކެތި. އަދި އެތަކެތި ގަނެފައި ވަނީ ޕްރޮކިއުމަންޓްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން. މިތަކެތި ގަނެފައި ވަނީ ފުވައްމަލަކާއި ގދ. ތިނަދޫ އަދި ސ. މަރަދޫފޭދޫ އަށް.
  • ފެނުގެ ސާމްޕަލް ނަގާ 200 ފުޅި އަގު ބޮޑުކޮށް ގަތް މައްސަލަ: ވެލް މާކެޓިން ކިޔާ ކުންފުންޏަށް ފުޅިއެއް ގަތީ 835ރ. އަށް ކަމުގެ ތުހުމަތާ އެކު މައްސަލައިގައި ބުނެފައި ވަނީ މިކަން ވެސް ކުރީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް ކަމަށް. މިއީ ޅ. ހިންނަވަރަށް ބޭނުންވާ ކަމަށް ބުނެ.
  • ގދ. ވާދޫ އިންޖީނުގޭގެ އޮފީސް އިމާރާތާއި ފިއުލް ސްޓޯރޭޓް ޓޭންކް ބަނުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ތުހުމަތުކުރާ މައްސަަލަ: ކުންފުނީގެ ޕޮލިސީއަކީ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެމްބަރަކާ ގާތް ތިމާގެ އެއްވެސް މީހަކަށް މަސައްކަތް ހަވާލުނުކުރެވުން ނަމަވެސް ޕްރޮޖެކްޓް ހަވާލުކުރީ ސައީދުގެ ޅިޔަނުގެ ޕަވަރޭ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ ކަމަށް ތުހުމަތު ކޮށްފައިވޭ. މިކަން މި ގޮތަށް ކުރުމަށް ފަހު ކުންފުނީގެ ޕޮލިސީ ވެސް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ ކޮށްފައި.
  • ވާދޫ ޕަވަ ހައުސް އިމާރާތް ކުރުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޅިޔަނުގެ ކުންފުންޏާ ހަވާލުކުރި ކަމަށް ބުނާ މައްސަލަ.
  • ކުންފުނީގެ ކުރީގެ ސީނިއާ މުވައްޒަފެއްވާ ހުސެއިން ހަމީޒާ ގުޅިގެން ކުންފުންޏަށް ގިނަ ތަކެތި ސަޕްލައިކޮށް ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު. އިއުލާންކުރުމެއް ނެތި ހަމީޒުގެ ޕިސްޓޯނާ ކިޔާ ކުންފުނިން ޅ. ހިންނަވަރަށާއި ސ. ހިތަދު އާއި ރ. ފިނޮޅު އަދި ނ. މަގޫދޫ އަދި މާލެއަށް އަށް މިލިއަނަށް ވުރެ ގިނަ ތަކެތި ގަނެފައިވޭ.
  • އިންޑިއާގެ މޯހަން މުތާ ކުންފުނިން ގިނަ އަދަދެއްގެ ތަކެތި ގަތް މައްސަލަ. އެ ކުންފުނިން އެއްމިލިއަން ޑޮލަރަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގަތީ އިއުލާން ނުކޮށް ކަމަށް ތުހުމަތު ކޮށްފައިވޭ. އެއީ ލ. ގަމަށާއި މާލެއަށް ބޭނުންވާ ތަކެތި ކަމަށް ބުނެ.
  • ކުންފުނީގެ ހިއުމަން ރިސޯސަސް ޕޮލިސީއާ ޚިލާފަށް މުވައްޒަފުންތަކަކަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ބުނާ މައްސަލަ.
  • ހއ. އިހަވަންދޫ ފެން ޕްލާންޓް ހަލާކުވެގެން ފެނަކަ ހެޑް އޮފީހަށް ރިޕޯޓު ކުރުމުން އަޅާނުލައި ތިބުމަށް ފަހު، ފެން ހުސްވުމުން އިމަޖެންސީ ހާލަތު ކަމަށް ބަލައި ވަކި ބައެއްގެ އަތުން އެއް މިލިއަން ރުފިޔާ އަށް އާރުއޯ ޕްލާންޓެއް ގަތް ކަމަށް މައްސަލަ: އިހަވަންދޫގައި ދިމާވި މައްސަލަ ހައްލުކުރެވޭނެ ނުވަތަ ވާދަވެރި ބީލަމަކުން އެކަން ކުރެވެން އޮއްވައި ލަސްކުރީ ވަކި ކުންފުންޏެއްގެ އަތުން ނަގަން ކަމަށް މައްސަލައިގައި ތުހުމަތުކޮށްފައިވޭ.
  • އިއުލާން ނުކޮށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރުގެ ކެލާނީ ކޭބަލް ކޭބަލްތަކެއް ށ. މިލަދޫ އަށާއި ބ. ދަރަވަންދުއަށް ގަތް މައްސަލަ.
  • ސާއީދުގެ ތިމާގެ މީހެއް ކަމަށްވާ މުހައްމަދު ވަހީދު ކިޔާ މީހަކާ ހަވާލުކޮށްގެން، ރަށްރަށަށް ފޮނުވަން ޖެހޭ ތަކެތި އިއުލާން ކުރުމެއް ނެތި ފޮނުވާ ކަމަށް. އަދި އެއީ ކުންފުންޏެއް ރަޖިސްޓްރީކުރުމެއް ނެތި ވިޔަފާރިކުރާ މީހެއް ކަމަށްވޭ.
  • ހދ. ކުޅުދުއްފުއްޓަށާއި ސ. ހިތަދުއަށް ބޭނުންވާ ކަމަށް ބުނެ އިއުލާންކުރުމެއް ނެތި ހޭންޑީ ސޮލިއުޝަން ކިޔާ ކުންފުންޏަކުން 500،000ރ.ގެ ރޭޑިއޭޓަރު ގަނެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަ.

ސައީދުގެ މިފަދަ ކިތަންމެ ކަމެއް އެ މައްސަލަތައް އޭސީސީއަށް ހުށަހެޅި ފަހުން ވެސް ހިންގާފައިވާ ކަމަށް އެ ކުންފުނީގެ މުވައްޒަފަކު ވެސް ބުންޏެވެ.

އޭސީސީ އަށް ހުށަހެޅި ގިނަ މައްސަލަތަކުގައި ތުހުމަތުކޮށްފައި ވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް ވަކި ކުންފުނިތަކެއް ހޮވައި، ނާޖާއިޒު މަންފާތަކެއް ލިބޭނެ ގޮތް މަސައްކަތްތައް ނުވަތަ ތަކެތި ގަތުމަށް ހަވާލު ކުރުމެވެ. ފެނަކައާ ދެކޮޅަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ އިރު އެ ކުންފުންޏަކީ ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތަށް ސިފަކުރި ތަނެކެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ނޫސްވެރިންނާ ވާހަކަދައްކަވަނީ.

އޭސީސީން ވަނީ ކުރީގެ ސަރުކާރަށް ތުހުމަތުވާ ގިނަ މައްސަލަތަކެއް ބަލައިފަ އެވެ. އެކަމަކު އެއްވެސް މައްސަލައެއްގައި ދައުވާކުރަން ފޮނުވި ކަމެއް އާއްމެއް ނުކުރެ އެވެ. މިކަމާ ބެހޭ ގޮތުން އޭސީސީގެ ބަހެއް މިހާތަނަށް ލިބޭ ގޮތެއް ނުވެ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނީ ފެނަކައާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް ވަޒަންކުރުމަށް ފަހު 22 މައްސަލައެއް ތަހުގީގު ކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދަދު 22 އަށް މަދުވީ ބައެއް މައްސަލަތައް އެއްކޮށްލައިގެން ބަލަން ނިންމުމުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އޮފީހުގެ މުވައްޒަފުންތަކަކާއެކު ކޭކު ފަޅުއްވަނީ

"މަޖިލިސް މެމްބަރުންނަށް ވެސް ބޮޑެތި ފައިދާ ލިބޭ ގޮތަށް އެތައް އިއުލާންކުރުމެއް ނެތި އެތައް ޕްރޮޖެކްޓެއް އެވޯޑުކޮށްފައި އެބަހުރި. އަނެއްކާ ރަށްރަށުގައި މަޝްރޫއުތައް ހިންގަނީ ފައިސާ ހަމަ ނުޖެހެނީސް. މި ފައިސާ ދައްކަން ޖެހޭއިރު ކުންފުނީގައި ނުހުންނާނެ ދެއްކޭނެ ގޮތެއް ވެސް،" ނަން ހާމަކުރަން ބޭނުން ނުވާ އެ މުވައްޒަފު ބުންޏެވެ.

ކުރިން ވެސް އިވެނީ ފެނަކައަކީ ކޮރަޕްޝަންގެ ހާއްޔެކޭ ބުނާ އަޑެވެ. ނަމަވެސް ވެރިން ބަދަލުވިވިޔަސް އެ ކުންފުނި އަނެއްކާ ވެސް ފެންނަނީ ކޮރަޕްޝަންގެ ދުމުން ގެދަނބުޅި ޖަހާ މަންޒަރެވެ.