މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ކޮމެޑީ ފިލްމު ކުޅުނަސް އަސްލު ދިރިއުޅުމުގައި އެހާ މަޖާ މީހެއް ނޫން ކަމަށް މަޝްހޫރު ބަތަލާ އަދި އަޖޭގެ އަންހެނުން ކާޖޮލު ބުނެފި އެވެ.
މި މަހުގެ ނުވައެއްގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ސަލާން ވެންކީ" ގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްލްވިލާ އަށް ދިން އިންޓަވިއުއެއްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ކާޖޮލް ބުނީ އަޖޭ ކޮމެޑީ ފިލްމުތަކުން ފެނިގެންދިޔަ ނަމަވެސް އަޖޭއަކީ އަސްލު ދިރިއުޅުމުގައި މަޖާ މީހެއް ނޫން ކަމަށެވެ.
އަޖޭއާ އެކު ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް" ގެ ފިލްމަކުން ފެނިދާނެތޯ އެހުމުން ކާޖޮލް ބުނީ އެ ވާހަކަ ޖެހޭނީ ގޯޕާލްގެ ގާތުން އަހާލަން ކަމަށެވެ.
ގޯޕާލަކީ އެ ސީރީޒްގައި އަޖޭ ކުޅެމުން އަންނަ ކެރެކްޓާގެ ނަމެވެ. ކާޖޮލް އިތުރަށް ބުނީ އަޖޭއާއެކު ކޮމެޑީ ފިލްމެއްގައި މަސައްކަތް ކުރުމަކީ އެއްވެސް އިރެއްގައި ވިސްނިކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އަޖޭ އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާކަން ކާޖޮލް ބުންޏެވެ.
އެކަމަކު އެފަދަ ޕްރޮޖެކްޓެއް ވާން ޖެހޭނީ ދެ މީހުންނަށް ވެސް ގަބޫލުކުރެވޭ ވަރުގެ އެއްޗަކަށް ކަމަށް ބުންޏެވެ. އެ ދެ މީހުން އެކީގައި އެންމެ ފަހުން ކުޅުނީ އަޖޭ އަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ދެވަނަ ފަހަރަށް ލިބުނު 2020 ގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.
އަޖޭ އާއި ކާޖޮލްގެ ޖޯޑު ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "އިޝްގް"، "ހަލްޗަލް"، "ޕިޔާރު ތޯ ހޯނާ ހިތާ"، "ދިލް ކިޔާ ކަރޭ"، "ރާޖޫ ޗާޗާ" އަދި އަޖޭ ޑައިރެކްޓް ވެސް ކުރި "ޔޫ، މީ އޯރް ހަމް" އެވެ. ރޯހިތު މިހާތަނަށް ހެދި ގިނަ ފިލްމުތަކުގައި އަޖޭ ފެނިގެންދިޔަ ނަމަވެސް ކާޖޮލް މިހާތަނަށް ރޯހިތުއާއެކު މަސައްކަތް ކުރޯ އެންމެ ފިލްމެއްގައި އެވެ. އެއީ ޝާހްރުކް ޚާނާ އެކީ ކުޅުނު 2015 ގެ "ދިލްވާލޭ" އެވެ.