އުރީދޫ އަދި މިޝަން ފޯ މައިގްރެންޓް ވޯކާސް އޮފް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) ގުޅިގެން ކުރިއަށް ގެންދިޔަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ދެވަނަ ކާނިވަލް ނިންމާލައިފި އެވެ.
"މައިގްރެންޓް ވޯކާޒް ކްރިކެޓް ކާނިވަލް 2022" ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެކުވެނި ކްރިކެޓް ދަނޑުގަ އެވެ.
އެ ކްރިކެޓް ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ.
މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ވެސް މުބާރާތުގެ އިތުރުން ހެލްތު ކޭމްޕަކާއި ލީގަލް އެވެއާނަސް ކޭމްޕެއް ވެސް ހިމަނާފައިވެ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި މުބާރާތުގައި، 20 ޓީމު ބައިވެރިވިއިރު މުބާރާތް ކާމިޔާބުކުރީ ފްރެންޑްސް ކްލަބް ބަންގްލަދޭޝްއިންނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބެޓަރާއި ފީލްޑަރު އަދި ބޯލަރަށް ވެސް އެވޯޑް ވަނީ ދީފަ އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވި އިސްވެރިންގެ ތެރޭގައި، ލަންކާ އަދި ޕާކިސްތާނުގެ ހައިކޮމިޝަނަރުންނާއި އުރީދޫ މޯލްޑިވްސްގެ އިސްބައެއް ވެރިން ހިމެނެ އެވެ.
ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން ޑަބްލިއުއެޗްއޯ މޯލްޑިވްސް އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަނާއި މެޑިކޯސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި ލައިފް ސަޕޯޓާ ގުޅިގެން ހެލްތު ކޭމްޕެއް މެދުވެރިކޮށް ހިލޭ މެޑިކަލް ސްކްރީނިން ކުރިއަށް ގެންދިޔައިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއޮ، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރާއި، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ބޭއްވި ލީގަލް އެންޑް އެވެއާނެސް ކޭމްޕެއް މެދުވެރިކޮށް، ކާނިވަލް ބޭއްވި ވަގުތު އެކި ކަންކަމުގައި ބިދޭސީ މަސައްކަތްތެރިންނަށް ހޭލުންތެރިކަން ފޯރުކޮށްދިނެވެ.
މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ. ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަޤްސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުގައި ކްރިކެޓް ކާނިވަލަކީ ޖަމިއްޔާއަށް 2 އަހަރު ފުރުން ފާހަގަކުރާ އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި ބިދޭސީ މަސައްކަތްތެރިން ހިމެނޭ ގޮތަށް ބާއްވާ ހާއްސަ ހަރަކާތެއްވެސް މެއެވެ.