މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގައި ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާ އާ ވައްތަރު މީހެއް މުޅި ގަތަރުގައި މަޝްހޫރުވެއްޖެ އެވެ.

ނޭމާއާ ވައްތަރު މީހާގެ ނަމަކީ އެއިގަން އޮލިވިއޭރާ އެވެ. އޭނާގެ ރައްޓެހިން އޭނާއަށް ވަނަމަކަށް ކިޔަނީ ""ނޭ ވަންތަ" މީހާގެ ނަމުންނެވެ.

އޮލިވިއޭރާ މަޝްހޫރު ވެގެންދިޔައީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލްއާ ސްވިޓްޒަލަންޑް ކުޅުނު މެޗު އޮތް ސްޓޭޑިއަމްގެ ތެރެއިންނެވެ. ބްރެޒިލްގެ ޓްރެއިނިންގް ކިޓުގައި އެ ދުވަހު ދަނޑުން އޭނާ ފެނުނުއިރު އެ ދުވަހަކީ އަނިޔާގެ ސަބަބުން ނޭމާ ނުވެސް ކުޅޭ ދުވަހެކެވެ. އަދި އެ ދުވަހު ނޭމާ ސްޓޭޑިއަމަށް ވެސް ނުދެ އެވެ.

އަސްލު ނޭމާ ސްޓޭޑިއަމަށް ވެސް ނުދާ ދުވަހު، ނޭމާއާ ވައްތަރު އޮލިވިއޭރާ ސްޓޭޑިއަމުން ފެނިގެން އެތައް ބަޔަކު އޭނާއަށް ނޭމާއޭ ކިޔައި، އޭނާއާއެކު ފޮޓޯ ނަގަން ފެށުމާއެކު އޭނާ މަޝްހޫރުވީ އެވެ. އޭނާގެ މިލިއަނަކަށް ވުރެ ގިނަ ފޮލޯވަރުން އިންސްޓްގްރާމްގައި ތިބި އިރު އޭނާގެ އިންސްޓަގްރާމް އިނީ ވެރިފައި ވެސް ކޮށްފަ އެވެ.

ވޯލްޑްކަޕްގެ ރަސްމީ ޓްވިޓާއިން ވެސް ވަނީ އޭނާގެ ވީޑިއޯއެއް ޓުވީޓުކޮށްފަ އެވެ.

މި ޓްވީޓުގައި ފީފާއިން ވެސް ބުނެފައި ވަނީ ހަމަ ހީކުރެވުނީ އަސްލު ނޭމާ ކަމަށެވެ. ކޮންމެއަކަސް ނޭމާއާ ވައްތަރު މީހާ މިވަނީ މުޅި ގަތަރާއި ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

ނޭމާއާ ވައްތަރު މީހާ އާ އަސްލު ނޭމާގެ ތަފާތު ދެނެގަތުމަކީ ހަމަ ހަގީގަތުގައި ވެސް އުނދަގޫވި ކަމެކެވެ. ބްރެޒިލް ޓީމުގެ އައުޓްފީލްޑް ކިޓާއި ނޭމާ އަޅާ ކަހަލަ އަވިއައިނެއް އަޅައި ނޭމާ ތުނބުޅި ބަހައްޓާ ގޮތަށް ތުނބުޅި ބަހައްޓައި ތޮއްޕެއް އެޅުމުން މިއީ އަސްލު ނޭމާ ނޫން ކަމެއް އާންމުންނަކަށް ނޭނގުނެވެ.

އޮލިވިއޭރާގެ ގައިގައި ޓެޓޫ ވެސް ޖަހައިފައި ވަނީ ހަމަ ނޭމާގެ ހަށިގަނޑުގައި ޓެޓޫ ވެސް ޖާހަފައިވާ ގޮތަށެވެ.

ނޭމާ އާއި ވައްތަރު އޮލިވިއޭރާ

ބައެއް އާންމުން ވަނީ އޭނާ އާއެކު ފޮޓޯނަގައި އޭނާގެ އޮޓާގްރާފް ވެސް ހޯދައިފަ އެވެ.

ބްރެޒިލްގެ ވޯލްޑް ކަޕް މެޗަށް އޭނާ ދަނޑުގައި ހުރުމުން ބައެއް ސަޕޯޓަރުން ވަނީ "ނޭމާ ވަންތަ" އޮލިވިއޭރާގެ ފޮޓޯ ނަގައި އޮޓާގްރާފް ހޯދަން މަސައްކަތް ކޮށްފަ އެވެ.