ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން ކ. މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފި އެވެ.

މާފުށި ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަރެކްޝަން ސަރވިސް ގުޅިގެންނެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ބެހޭ ގޮތުންކަރެކްޝަންސްއިން ބުނީ މިހާރު އެއޮޕަރޭޝަން ނިންމާލާފައިވާ ކަމަށާއި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ފުލުހުން އަންގާރަ ދުވަހުގެރޭ ބުނެފައިވަނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިލައްވާފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަންސް ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާތީ ކުއްލި އޮޕަރޭޝަނެއް ހިންގިއިރު މިއަހަރުގެ މިހާތަނަށް ސްކޭމް ކޯލުގެ 998 މައްސަލަ ފުލުހުންނަށް ހުށަހަޅައި، އޮޅުވާލައިގެން 23 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދުމުގެ އުކުޅު އެންމެ ގިނައިން ބޭނުންކުރަނީ ކޯލުތައް ކޮށްގެން ކަމަށާ މިފަދަ ކޯލުތައް އެންމެ ގިނައިން ކުރަނީ ޖަލަށް ވަގަށް ފޯނުވައްދައިގެން ގައިދީން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.