މޮސްކޯ (17 ޑިސެމްބަރު) - ރަޝިޔާއިން އެ ގައުމުގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވާލްނީ މަރާލަން ބޭނުންނަމަ އެކަން އޮންނާނީ ކޮށް ނިންމާފައި ކަމަށް ރަޝިޔާގެ ރައީސް ވުލަޑްމީރް ޕުޓިން ވިދާޅުވެއްޖެ އެވެ.

މިއަހަރު އޮގަސްޓް މަސް ތެރޭގައި ރަޝޔާގެ އިދިކޮޅު ލީޑަރު ނަވާލްނީ އަށް ބަޔަކު ވަނީ ޒަހަރު ދީގެން މަރާލުމަށް މަސައްކަތްކޮށްފަ އެވެ. ނަވާލްނީ މަރާލުމަށް މަސައްކަތްކޮށްފައި ވަނީ ރަޝިޔާގެ ސިއްރު ފުލުހުންކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ރަޝިޔާއިން ވަނީ މިކަން ދޮގުކޮށްފަ އެވެ.

ތަހްގީގުކުރާ ގްރޫޕެއް ކަމަށްވާ ބެލިންގްކެޓް އަދި ސީއެންއެން އިން ހިންގި ތަހުގީގުން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ ފެޑެރަލް ސެކިއުރިޓި ސާވިސް (އެފްއެސްބީ)ގެ ހާއްސަ ޓީމަކުން ވަނީ ނަވްލާނީ އަށް އަހަރުތަކެއް ވަންދެން ފާރަލާފަ އެވެ.

ޕުޓިން ކޮންމެ އަހަރަކު ވެސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މި ތަހުގީގާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕުޓިން ވިދާޅުވީ މިކަމަކީ އެމެރިކާގެ ހާއްސަ އެޖެންސީތަކުން ކުޅޭ ޑްރާމާއެއް ކަމަށާއި، އެކަން ރަޝިޔާއަކަށް ނޭގިގެން ނޫޅޭ ކަމަށެވެ. އެ މީހުން ކުރާ ކަންކަމާއި، އުޅޭ ތަންތަން ރަޝިޔާގެ އެފްއެސްބީ އޮފިސަރުންނަށް އެނގޭ ކަމަށާއި، ނަވްލާނީ ހޮސްޕިޓަލްގައި އޮތީވެސް އެމެރިކާގެ ސިއްރު ފުލުހުންގެ އެހީތެރިކާމާއި މަދަދުގައި ކަމަށެވެ.

ރަޝިޔާގެ ފުލުހުން (އެފްއެސްބީ) ނަވްލާނީ މަރާލަން ބޭނުންވި ނަމަ މިހާރު އެކަން އޮންނާނީ ކޮށްފައި ކަމަށެވެ. ނަވްލާނީ އިތުރު ފަރުވާއަށް އޭނާގެ އަންހެނުންގެ އެދުމުގެ މަތިން ބާލިންއަށް ވެސް ފޮނުވި ކަމަށާއި، މިއީ ރަޝިޔާގެ ބަދުނާމުކުރުމަށް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ޕުޓިން ވިދާޅުވި އެވެ.

ޕުޓިން އިތުރަށް ވިދާޅުވި ގޮތުގައި ސީއެންއެން އިން ނެރުނު ރިޕޯޓުގައި ހުރީ މުޅިންވެސް ދޮގު ވާހަކަ ކަމަށާއި މިއީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ސީއެންއެން އިން ނެރުނު ރިޕޯޓްގައި ޓޮކްސިކޮލޮޖީ އެކްސްޕާޓުންނާއި ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި މިހަމަލާގައި ބޭނުންކޮށްފައިވަނީ ނޮވިޗެކް ކިޔާ ރަޝިޔާގެ އުފެއްދުމެއް ކަމަށެވެ. މިއީ ރަޝިޔާއިން ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމަށް އުފެއްދި ކެމިކަލްގެ ބާވަތެކެވެ. މި ކެމިކަލްތައް ނާވް އެޖެންޓްގެ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގަ ވެސް ބޭނުންކޮށްފައިވެ އެވެ. އެ ކެމިކަލްގެ ނުރައްކާތެރިކަމާ ހެދި މި ބޭނުންކުރުން ވަނީ ކެމިކަލް ހަތިޔާރު ބޭނުންކުރުން މަނާކުރާ މުއާހަދާގެ ދަށުން މަނާ ވެސް ކޮށްފަ އެވެ. – ސީއެންއެން