މިއަދުގެ ގިނަ ޒުވާނުންނަކީ ޑިޕްރެޝަންއަށް ހުށައެޅިފައިވާ ޒުވާނުންނެވެ. ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ޒާތީ ދިރިއުޅުމުގެ ކަންކަމާއެކު ޑިޕްރެޝަނަށް ހުށައެޅުމުގެ ފުރުސަތު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ދިރިއުޅުމުގެ އެއްވެސް ހިސާބެއްގައި ޑިޕްރެޝަންގެ ނުރައްކާ ބޮޑުވާހެން ހީވާނަމަ ދުރާލާ އަމިއްލައަށް ވެސް އެކަމުން އަރައިގަންނަން މަސައްކަތް ކުރެވިދާނެ އެވެ.
އެކަނި ހޭދަކުރާ ވަގުތު މަދު ކުރުން
ޑިޕްރެޝަންގެ ވަގުތު ތަކުގައި އެހެންމީހުންގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން ބޭނުމެއް ނުވާނެ އެވެ. ކޮޓަރީގައި މީހުންނަށް ނުފެނި ގިނަ ވަގުތު ހޭދަކުރަން ފެށުމުން ގިނަ ކަންތައްތަކާއި ވިސްނޭގޮތް ވާނެ އެވެ. އެހެން ކަމުން ތިމާ އެކަނި ހޭދަކުރެވޭ ވަގުތުތައް މަދު ކޮށްލާށެވެ.
ސިއްހަތަށް ފަރުވާތެރިވުން
މާބޮޑަށް ހާސްވެ ކަންބޮޑުވާނަމަ ބައެއް ފަރާތްތަށް ކެއުމުން ދުރުވާއިރު އަނެއް ބަޔަކަށް މާގިނައިން ކެވޭތަން އާދެ އެވެ. ރަނގަޅު ކާނާ ރަނގަޅު މިންވަރަށް ބޭނުންކުރުމަށްފަހު ކަސްރަތުކުރާނަމަ ތިމާގެ މޫޑު ރަނގަޅުވާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ކަންކަން ހިއްސާ ކުރުން
ހާސްވެ ކަންކަމުގައި ގޮތެއް ކަނޑައެޅުން ފަދަ ކަންކަމުގައި މާބޮޑަށް ވިސްނޭނަމަ ޑިޕްރެޝަންގެ ޝިކާރައަކަށް ތިމާވުން ގާތެވެ. އެހެން ކަމުން ތިމާގެ މައްސަލަތައް އިތުބާރު ކުރެވޭ ފަރާތަކާއި ހިއްސާކުރުން މުހިއްމެވެ. ތިމާއަށް ދިމާވެގެން އުޅޭ ކަމުގައި އަނެކާއަށް ވެދެވޭނެ އެހީތެރިކަމެއް އޮތްތޯ ބަލާށެވެ.