ބޮލީވުޑްގައި ރަނގަޅު އޮރިޖިނަލް ކޮންޓެންޓެއްގައި ފިލްމެއް އުފެއްދުމަށް ހުރަސްތަކެއް ހުރި ކަމަށް މަޝްހޫރު އެކްޓަރު ވަރުން ދަވަން ބުނެފި އެވެ.

ގަލަޓާ ޕްލަސް އިން ގެނެސްދޭ ރައުޓް ޓޭޕަލްގައި ވާހަކަ ދައްކަމުން ވަރުން ވަނީ ބޮލީވުޑް ފިލްމުތަކަށް ރަނގަޅު ކާމިޔާބީއެއް ނުލިބޭ ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ވަރުން ބުނި ގޮތުގައި މިހާރު ބޮލީވުޑްގައި އުފައްދާ ފިލްމުތަކަކީ އޮރިޖިނަލް ކޮންޓެންޓެއްގައި އުފައްދާ ފިލްމުތަކެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ފިލްމުތައް ނުހިނގާ ކަމަށް ވެސް ވަރުން ފާހަގަ ކުރި އެވެ.

މިއަހަރު ވަރުންގެ ދެ ފިލްމެއް ސިނަމާގައި ވަނީ އަޅުވާފަ އެވެ. އެއީ "ޖުގް ޖުގް ޖިއޯ" އާއި ބެޅިޔާ" އެވެ. މި ދެ ފިލްމަކީވެސް ބޮކްސް އޮފީހުގައި ކާމިޔާބު ހޯދި ދެ ފިލްމެވެ.

https://www.youtube.com/watch?v=8fjk0UX1E5w&t=1717s

ކޮވިޑަށް ފަހު ސިނަމާތައް ހުޅުވިގެންދިޔައިރު ބޮލީވުޑް ގިނަ ފިލްމުތަކެއް ވަނީ ފްލޮޕް ވެފަ އެވެ. އަދި އެފިލްމުތަކަށް އެހާ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ތަނެއް ނުފެނުނެވެ.

"އެހެންވީމާ، މިވަގުތު ހިންދީ ސިނަމާގައި ހިނގަމުންދާ ކަމަކީ އަސްލު ވާހަކަތަކުގެ ދަތިކަން. ރަނގަޅު އަސްލު ވާހަކަތަކުގެ ދަތިކަން އެބައޮތް.އަޅުގަނޑުމެންގެ ލިޔުންތެރިންނަށް ބާރުދީ، އަސްލު ކޮންޓެންޓް ހެދުމަށް ތާއީދުކޮށްފައެއް ނުވޭ،" ވަރުން ބުންޏެވެ.

މީގެ އިތުރުން ވަރުން ވަނީ ސައުތު އިންޑިއަން ފިލްމުތައް ހޯދާ ކާމިޔާބީ ތަކާއި ބެހޭ ގޮތުންވެސް ވާހަކަ ދައްކާފަ އެވެ.

ފިލްމުތަކުގެ ރީމޭކްތަކުން ބޮކްސް އޮފީހުގައި ރަނގަޅު ނަތީޖާތަކެއް ލިބެމުންދާ ކަމެއް ނުވަތަ ނޫންކަން ފާހަގަކުރަން ނޭނގޭ ކަމަށްވެސް ވަރުން ވަނީ ބުނެފަ އެވެ.

ވަރުން ދަވަން ދެން އެންމެ އަވަހަށް ފެނިގެންދާނީ ނިތޭޝް ތިވާރީގެ އެކްޝަން ފިލްމު "ބަވާލް" އިން ޖާންވީ ކަޕޫރާ އެކު އެވެ.