މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ފަރެސް މާތޮޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފި އެވެ.

ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހު ގދ. ފަރެސް މާތޮޑާއަށް ވަޑައިގެންނެވީ، އާދީއްތަ ދުވަހުގެ މެންދުރު އެވެ.

އެ މަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ، ގދ. ފަރެސް މާތޮޑާ ކައުންސިލާއި އތމ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ހުވަދޫ ސްކޫލުގައި ގދ. ފަރެސް މާތޮޑާއާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. މިބައްދަލު ކުރެއްވުމުގައި، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައީސް ސޯލިހު ހިއްސާކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފަރެސް މާތޮޑާގައި ކުރިޔަށްގެންދިޔަ، "މަސްވެރިކަމުގެ އެކްސްޕޯ 2022" އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގެ ސްޓޯލްތައް ބައްލަވައި ލައްވައި މައުލޫމާތު އޮޅުން ފިލުއްވާފަ އެވެ. އަދި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފަރެސްމާތޮޑާގައި ދެ ޖިންސަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މަސްކެނޑުމުގެ މުބާރާތް ވެސް ރައީސް ޝަރަފްވެރިކޮށްދެއްވައި އެމުބާރާތް ހިނގަމުން ދިޔަގޮތް ބައްލަވާލެއްވި އެވެ.

މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ކަމަކަށް އޮތީ މަސްވެރިންގެ ދުވަހުގެ ޖަލްސާ އެވެ.

ރޭ ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައި ބޭއްވި މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދެއްކެވި އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ގދ. ފަރެސް މާތޮޑާގައި ފާހަގަކުރުމަށް، ފިޝަރީޒް މިނިސްޓްރީ އާއި، ފަރެސްމާތޮޑާ ކައުންސިލުން ގުޅިގެން ވަނީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.