މާލެ- ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމި ނިންމުން އިސްތިއުނާފުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ހުށައެޅީ އިއްޔެ ކަމަށެވެ. އަދި މިހާރު އެ މައްސަލަ އިސްތިއުނާފްކޮށް އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އީޕީއޭ އިން ނިންމާ ނިންމުންތައް ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ އަރިހަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮވެ އެވެ.
އިސްތިއުނާފު ކުރުމުން އެ މައްސަލާގައި ޖޫރިމަނާކުރުމާ މެދު ނުވަތަ ލުޔެއް ދިނުމާ މެދު ގޮތް ނިންމަވާނީ މިނިސްޓަރެވެ.
ޖޫރިމަނާ ދައްކަން އީޕީއޭއިން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.
އެފްކޮންސް އިން ބްރިޖް ސާވޭ އާއި ތަނބު ޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފަން ގެންގުޅުނު އެ ޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރުނީ މިދިޔަ އޮގަސްޓު 16 ވަނަ ދުވަހު އެވެ. އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އުރި ގޭނެމުން ދިއުމުގެ ސަބަބުން ފަރުމަތީގައި ބޮޑެތި ބާގަނޑާއި ވަޅުގަނޑުތަކެއް ހެދިފައިވެ އެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން އެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭއާ މެދު އެ ކުންފުނިން ހިތްހަމަނުޖެހިގެން، އެފްކޮންސް ވަނީ އަމިއްލައަށް ސާވޭ ވެސް ހަދާފަ އެވެ.
އެފްކޮންސް އިން ތަރައްގީކުރާ ބުރިޖުގެ ޕްލެޓްފޯމު ފުންކުރަން 12 ދުވަސް ނެގި އިރު، ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދިޔަ ގެއްލުމާ މެދު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.