ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯނާއި ރަންވީރު ސިންގް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އެމީހުންގެ ކައިވެންޏަށް މިހާރު ހަތަރު އަހަރުވެފައިވާއިރު މި ދެ ތަރިންނަކީ ބޮލީވުޑްގައި އެންމެ ފާހަގަ ކޮށްލެވޭ ދެ ތަރިންނެވެ.
ދިޕިކާ އާއި ރަންވީރުގެ މިޒާޒުގައި ހުރި ތަފާތާ ބެހޭ ގޮތުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ މިވަނީ ވާހަކަ ދައްކާފަ އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓް ކޮށް ރަންވީރު ލީޑް ރޯލުން ފެނިގެންދާ "ސާކަސް" ގައި ހިމެނޭ ލަވަ "ކަރަންޓު ލަގާ ރޭ" ލަވަ ރިލީޒް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ރޯހިތު ބުނީ ރަންވީރަކީ ވަރަށް މަސައްކަތަށް ފަރުވާތެރި، ކަމާވެގެން މަސައްކަތް ކުރާ މީހެއް ކަމަށާއި އެކަމަކު އޭނާ އަކީ ސަކަރާތް ބޮޑު "ޖަނަރޭޓަރެއް" ކަމަށެވެ. އެހެން ނަމަވެސް ދިޕިކާއަކީ މަސައްކަތުގައި ވަރަށް ސީރައަސް މީހެއް ކަމަށް ރޯހިތު ބުންޏެވެ.
"ކަރަންޓު ލަގާ ރޭ" ލަވައިން ފެނިގެންދަނީ ރަންވީރާއި ދިޕިކާ އެވެ.
ރޯހިތު ހާމަކުރި ގޮތުގައި "ކަރަންޓު ލަގާރޭ" ލަވައަށް 10 ދުވަސް ވަންދެން ރަންވީރު ފަރިތަ ކުރި ކަމަށެވެ. އެކަމަކު ދީޕިކާ ފަރިތަ ކުރީ ހަމައެކަނި ސެޓުގައި، ލަވައިގެ ޝޫޓިން އޮތް ދުވަހު ކަމަށް ބުންޏެވެ.
"ރަންވީރު ބަލަހައްޓަން ބަޔަކު ތިބެން ޖެހޭ. އެހާ ސިޔާސަ މީހެއް އެއީ. އެކަމަކު މަސައްކަތާ ވެގެން ކުރާނެ. ބުރަކޮށް މަސައްކަތް ކުރާ، ސަކަރަތް ބޮޑު މީހެއް ރަންވީރު މީ، ނަމަވެސް ދިޕިކާ މިއާ އިދިކޮޅު، ދިޕިކާއަކީވެސް މަސައްކަތް ބުރަކޮށް ކުރާ ފަންނާނެ، މަސައްކަތަށް ވަރަށް ސީރިއަސް ވާނެ،" ރޯހިތު ބުންޏެވެ.
"ސާކަސް" އަކީ "ސިމްބާ" އާއި "ސޫރިޔާވަންޝީ" އަށް ފަހު ރޯހިތު ޝެޓީއާ އެކު ރަންވީރު ގުޅިގެން މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.
ރޯހިތު ޝެޓީ ވަނީ އަޖޭ ދޭވްގަންއާ އެކު ގެނެސްދޭ "ސިންގަމް 3" ގައި އަންހެން ފުލުހެއްގެ ރޯލު ދީޕިކާ ކުޅޭނެކަން ކަށަވަރުކޮށްދީފަ އެވެ. މީގެ ކުރިން ދީޕިކާ ވަނީ ރޯހިތު ޝެޓީއާ އެކު ފިލްމު "ޗެންނާއީ އެކްސްޕްރެސް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.