މިހާރު ކުރިއަރަމުން އަންނަ ދެ އެކްޓަރުން ކަމަށްވާ އަބްދުﷲ ޝަރަފް އަދި ވާޝިޔާ މުހައްމަދު ލީޑް ރޯލުން ފެނިގެންދާ ވެބް ސީރީޒް "މިރާއީ" ގެ ޕްރޮމޯޝަނަލް ލަވަ މިމަހުގެ 24 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.

އަހަރުގެ އެންމެ ހިތްގައިމު ލޯބީގެ ލަވައިގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ މިލަވަ މިމަހުގެ 24 ގައި ރިލީޒް ކުރުމަށް ނިންމާފައިވާ މި ލަވައިން ފެނިގެންދާނީ "މިރާއީ"ގެ ލީޑް ދެ ތަރިން ކަމަށްވާ ޝަރަފް އާއި ވާޝިޔާ އެވެ.

"އުމުރަށް" ނަމުގައި ނެރޭ މިލަވައިގެ މިއުޒިކް ހަދާފައިވަނީ ޝަހީދު ލެގަސީ އެވެ. މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)ގެ ޅެމަށް، ލަވަކިޔާފައި ވަނީ މީގެ މެލޮޑީ ވެސް ހެދި ފާލިހް އާދަމް އާއި އައިޝަތު ޝަމާހަތު އެވެ.

"މިރާއީ" އަކީ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ކުރިން ގެނެސްދިން "ދަރަކަ" އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ސީރީޒެވެ.

ބައިސްކޯފުން ގެނެސްދިނުމަށް ނިންމާފައިވާ "މިރާއީ" ސްޓްރީމްކުރަން ފަށާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.

މި ސީރީޒްގައި ވާޝިޔާ އާއި ޝަރަފްގެ އިތުރުން އިޝްފާން އާއި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އަދި ތަޖުރިބާކާރު އެކްޓަރު އަހުމަދު ސައީދު ފެނިގެންދާނެ އެވެ.

"މިރާއީ" ގެ މަންޒަރެއް

13 އެޕިސޯޑުގެ މި ސީރީޒް އަކީ ކްރައިމް ތްރިލާ އެކެވެ. "މިރާއީ"ގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު މިޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.