މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމަށްޓަކައި އިނގިރޭސި ވިލާތުން ދެކެމުން އައި ހުވަފެންތައް ނިމުމަކަށް އައީީ ކުއާޓާ ފައިނަލްގައި ފްރާންސް އަތުން ބަލިވެ މުބާރާތާ ވަކިވާން ޖެހުމުންނެވެ.

"އިޓްސް ކަމިން ހޯމް" ގެ ނަމުގައި ފޯރިއާއެކު ބައިވެރިވި އިނގިރޭސި ޓީމަށް ލިބުނު މާޔޫސީ ނިމުމާއެކު ގަތަރުން ފުރާފައިވާއިރު، އެ ޓީމުން އަނބުރާ ގައުމަށް ދިޔައީ ހުސްއަތާއޭ ބުނެވޭކަށް ނެތެވެ.

އިނގިރޭސި ޓީމުގެ ކުޅުންތެރިން ވަނީ އެ ޓީމުގެ ފަރިތަކުރުންތަކަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި އުޅުނު ބުޅަލެއް އެ ކުޅުންތެރިންނާއެކު ގެންދަން ނިންމާފަ އެވެ.

ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު އާއްމުކޮށް އެ ސަރަހައްދުގައި އުޅޭ އެ ބުޅަލަށް ޓީމުގެ މެމްބަރުން ނަން ދީފައިވަނީ "ޑޭވް"ގެ ނަމުންނެވެ.

ފަރިތަކުރުން ތަކުގެ ތެރެއިން ޓީމުގެ ކުޅުންތެރިންނާއި ޑޭވްވާ ދެމެދު ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށާއި ޑޭވްއަކީ މީހުންނާ ވަރަށް ގުޅޭ ބުޅަލެއް ކަމަށްވެ އެވެ. ހާއްސަކޮށް ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ކައިލް ވޯކާއާއި ޖޯން ސްޓޯންސްއާއެކު ޑޭވްގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ސީއެންއެންގައި ބުނެފައިވެ އެވެ.

ޓީމުގެ ކުޅުންތެރިންނާއެކު އިނގިރޭސި ވިލާތަށް ދިއުމުގެ ކުރިން ޑޭވް ވަނީ ވެޓް ކްލިނިކަކުން ޗެކަޕް ހަދައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ވެކްސިންހަކެއް ވެސް ފުރިހަމަ ކޮށްފަ އެވެ.

ޑޭވްއަކީ ގަތަރުން އިނގިރޭސި ޓީމަށް ލިބުނު ރަނގަޅު އެކުވެރިއެއް ކަމަށާއި ގައުމަށް އެނބުރި ދާއިރު އެ ބުޅާ ގެންދަން ބޭނުންވާ ކަމަށް މީގެ ކުރިން ވެސް ޓީމުގެ ބައެއް ކުޅުންތެރިން ބުނެފައިވެ އެވެ.