ބޮލީވުޑްގެ އެކްޓަރު ނޯރާ ފަތޭހީގެ އަބުރާ ބެހުނު ކަމަށް ތުހުމަތުކޮށް މަނީ ލީންޑަރިންގެ ބޮޑު މައްސަލައެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރާ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒްގެ މައްޗަށް އަބުރުގެ ދައުވާކޮށްދިނުމަށް އޭނާ ކޯޓަށް ހުށަހަޅައިފި އެވެ.

އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެކްލީން ފެނާންޑޭޒްއާ ދެކޮޅަށް ނޯރާ ފަތޭހީ ވަނީ ދިއްލީ ކޯޓަށް އަބުރުގެ ދައުވާ ކޮށްފަ އެވެ. ނޯރާ އާއި ހަވާލާދީ ރިޕޯޓްތައް ބުނަ ގޮތުގައި ޖެކްލީނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރީ އޭނާގެ އަބުރަށް ގެއްލުންވާ ފަދަ ގޮތަކަށް ޖެކްލީން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެވެ. އަދި ޖެކްލީން މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ވެސް ނޯރާ ވަނީ ބުނެފަ އެވެ.

"ޖެކޮލިން ބޭކާރު ގޮތުގައި އަހަރެން ދަމައިގަނެ ބަދުނާމުކުރީ އަހަރެން އެއް އިންޑަސްޓްރީއެއްގައި އުޅޭތީ. ކޮންމެ ފަންނާނެއްގެ ވެސް ވިޔަފާރީގެ އިތުރުން އެ ފަންނާނެއްގެ ކެރިއަރު ބިނާވެފައި ވަނީ ހަމައެކަނި އެ ފަންނާނެއްގެ ރެޕިއުޓޭޝަންގެ މައްޗަށް. މިކަމުން ވަރަށް ސާފުކޮށް އެނގެނީ އެ ތުހުމަތަކީ، އަގު ވައްޓާލާން ކޮށްފައިވާ ކަމެއް ކަމަށް،". ނޯރާ ބުނެފައިވެ އެވެ.

ސުކޭޝް ޗަންދުރަސޭކަރް ކިޔާ ނުފޫޒު ފަދަ މީހަކާ ޖެކްލީންގެ ހިތާވެ، އޭނަގެ ފަރާތުން އަގުބޮޑު އެތައް ހަދިޔާތަކެއް ލިިބި، ސުކޭޝް ހިންގާފައިވާ 200 ކްރޯޑް ރުޕީސް މަނީ ލޯންޑްރިންގެ ތެރެއިން ނާޖާއިޒު އެތައް ފައިދާއެއް ޖކްލިން ލިބުނު ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނައާ އެތައް ފަހަރެއްގެ މަތިން އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) ސުވާލުކޮށް، ބަޔާން އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލަގަނޑު މިދިޔަ އަހަރު ފެންމަތިވެ، ސުކޭޝްއާ އެކީ ޖެކްލީން ނަގާފައިވާ ވަރަށް ގައިގޯޅި ފޮޓޯތަކެއް ވެސް ލީކްވެފައިވެ އެވެ. އަދި މި މައްސަލަގަނޑު ތިލަވެ، ސުކޭޝްގެ ފަރާތުން ނޯރާ އަށް ވެސް ނާޖާއީޒު އެތައް ފައިދާތަކެއް ލިބުނުކަމުގެ އަޑުތަކެއް އެރި އެވެ، އެކަމާ ގުޅިގެން ނޯރާއާ ވެސް އީޑީން ކުރިން ސުވާލުކޮށްފައިވެ އެވެ.

ނަމަވެސް ނޯރާ ވަނީ ސުކޭޝް އާއި އޭނައާ ދެމެދު އެއްވެސް އިރެއްގައި އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބަޔާނެއް ވެސް ނެރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޖެކޮލީން އަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ދިއްލީ ހައިކޯޓުން ވަނީ ވަގުތީ ކަފާލާތުގެ ހުއްދަ ދީފަ އެވެ. ނަމަވެސް، އެންފޯސްމަންޓް ޑިރެކްޓަރޭޓުން ވަނީ ކަފާލާތުގެ ދައުވާއާ ދެކޮޅު ހަދައިފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ނޯރާ އާއި ޖެކްލީން އަކީ ވެސް އިންޑިއާއަށް ނިސްބަތް ނުވާ އެކަމަކު އެ އިންޑަސްޓްރީގައި މިހާރު ނުފޫޒު ގަދަ ދެ ތަރިން ކަމެވެ. ޖެކްލިން ނިސްބަތް ވަނީ ސްރީ ލަންކާއަށެވެ. އަދި ނޯރާ އަކީ މޮރޮކޯ ދަރިކޮޅުގެ ކެނެޑާ މީހެކެވެ