ތޫނު އެއްޗަކުން ހަމަލާދީ މަރާލި އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

އެމްއެމްއޭގެ ކުރިމަތިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް އެވެ. އަދި މިއަދު ހެނދުނު 9 ގައި އަޑުއެހުން ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފައިވެ އެވެ.

މި އަޑުއެހުން ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ އިންޑިއާގައި ކުރިއަށްދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެގައުމުގަ އެވެ.

އޮގަސްޓް 31، 2018 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ މި ޒުވާނާ މަރާލާފައިވާއިރު، އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް އެރޭގެ އިރާކޮޅުގެ ވަގުތެއްގަ އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާއުފުލީ، ހަމްދޫން ހަމްޒަތަށާއި، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ އިތުރުން އިބްރާހީމް ވިޝާމްގެ މައްޗަށެވެ.