ފިރިމީހާ ވިކީ ކޯޝަލް އަކީ އިދިކޮޅު މިޒާޖެއްގެ މީހެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފް ބުނެފި އެވެ.

ދާދި ފަހުން ކެޓްރީނާ ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ އޭނާ އާއި ވިކީގެ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ވިކީ އަކީ މުޅިން ތަފާތު މިޒާޖެއްގެ މީހެއް ކަމަށާއި، ދެމީހުންގެ އުޅުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ތަފާތުކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް އެއީ އޭގެ ސަބަބުން ދެމީހުންގެ ގުޅުމަށް ބުރޫ އަރާ ކަމެއް ނޫން ކަމަށް ކެޓްރީނާ ބުންޏެވެ.

ހަމައެހެންމެ އެދެމީހުންގެ ގުޅުމުގައި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފެންނަނީ، ދެމީހުންގެ މިޒާޖުގައި ތަފާތުތަކެއް ހުރެވެސް އެކަކު އަނެކަކަށް އިހުތިރާމު ކުރާކަމާއި، އެކަކު އަނެކަކުގެ ނިންމުންތަކަށް ގަދަރު ކުރުން ކަމަށް ކެޓްރީނާ ބުނެފައިވެ އެވެ.

ކެޓްރީނާ އާއި ވިކީ ސިއްރުން އެތައް ދުވަހަކު އުޅުމަށްފަހު، ކައިވެނިކުރީ 2021 ވަނަ އަހަރު އެވެ.

ކައިވެންޏާއި، ބެހޭގޮތުން ފުރަތަމަ ފަހަރަށް ވިކީ ބުނީ، ކެޓްރީނާއާއެކު ދިރިއުޅުމަކީ ހިތްފަސޭހަ ދިރިއުޅުމެއް ކަމަށެވެ. އަދި ދެމީހުންގެ ގުޅުން ދަނީ ވަރަށް ރަނގަޅަށް ކަމަށްވެސް ވިކީ ވަނީ ބުނެފަ އެވެ.