ބޮލީވުޑްގައި ކުރިއަރަމުން އަންނަ ދެ ފަންނާނު ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު އުޅުމަށްފަހު އެގުޅުން ނިމުމަށް ގެނެސްފައި ވަނީ މިއަހަރުގެ ކުރީކޮޅު އެވެ.
ދިޝާ އާއި ޓައިގާ ޝްރޮފް އެކު ވަރަށް ގިނަ ފަހަރު ފެނިފައިވާއިރު، އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި އޮތް ނަމަވެސް އެކަމާ ބެހޭ ގޮތުން އެ ދެ މީޙުން ވާހަކަ ދައްކާފައެއް ނުވެ އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނެފައި ވަނީ ދިޝާ އާއި ޓައިގާ "މިހާރު ސިންގަލް" ކަމަށެވެ.
ދިޝާ އާއި ޓައިގާ ލޯބީގެ ގޮތުން ގުޅީގެން އުޅޭ ކަމަށް އަޑުތައް އަރާފައިވަނީ "ބާގީ 2" އަށް ފަހު އެވެ.
ދުވަހަކު ވެސް އެ މީހުންގެ ގުޅުން ރަސްމީކޮށް ނުދިން ނަމަވެސް، އެކުގައި ގިނައިން ފެނުމާއި، ޗުއްޓީ ހޭދަކުރާތަން ވަނީ ފެނިފަ އެވެ. އަދިވެސް މި ދެ ތަރިންގެ ތެރެއިން އެއްވެސް ތަރިއެއް ވަކިވި ކަމަށް ބުނެފައެއް ނުވެ އެވެ.
ނަމަވެސް މިހާރު ދިޝާއާއި ބެހޭގޮތުން އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ އޭނާ އާ ލޯބިވެރިއެއް ހޯދި ވާހަކަ އެވެ. ދިޝާގެ އާ ލޯބިވެރިޔަކީ އެލެކްސަންޑާ އެލެކްސް އިލިޗް އާއި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިހާރު ދިޝާ އަބަދުވެސް ފެންނަނީ އެލެގްޒެންޑާ އެލެކްސް ކިޔާ މީހަކާ އެކު އުޅެނިކޮށެވެ. ދެ މީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ.
އެލެގްޒެންޑާ އަކީ ސާބިއާގެ މޮޑެލް އެކެވެ. އޭނާ އާއި ދިޝާއާ އަޅުވާ ކިޔާތީ އެލެކްޒެންޑާ ވަރަށް ފަހުން ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ދިޝާ އާއި އޭނާ އަކީ "ގާތް ދެ އެކުވެރިން" ކަމަށެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އެލެގްޒެންޑާ ބުނީ ދިޝާ އާއި އޭނާ ވަރަށް ކުރިންސުރެ ރައްޓެހި ކަމަށެވެ. އަދި ދިޝާ އަކީ އާއިލާގެ މެންބަރެއް ފަދަ މީހެއް ކަމަށެވެ.
"އަހަރެމެން ދެ މީހުން ކުރެ މީހަކު މާބޮޑަށް ދެރަވާ ކަހަލަ ކަމެއް ދިމާވެއްޖެނަމަ އަބަދުވެސް އެކަކު އަނެކަކާ ގުޅަން. އަދި އަހަރެމެން އަބަދުވެސް އެކަހަލަ ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުވަން،" އެލެގްޒެންޑާ ބުންޏެވެ.
އެލެގްޒެންޑާ ބުނީ ޓައިގާ ޝްރޮފް އާއި އޭނާގެ ވެސް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
ދިޝާ އާއި ޓައިގާ ޝްރޮފް އާއި ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސުވާލުކުރުމުން އެލެގްޒެންޑާ ބުނީ އެހެން މީހުންގެ ދިރިއުޅުމާ ބެހޭ ގޮތުން ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ އަކީ އެހެން މީހުންގެ ދިރުއުޅުމާ ބެހޭ މީހެއް ނޫން ކަމަށްވެސް އެލެގްޒެންޑާ ބުންޏެވެ.