ދޯހާ (15 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ މޮރޮކޯ އަތުން 2-0 އިން މޮޅުވެ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ވޯލްޑް ކަޕްގެ ތަށި 1962 ވަނަ އަހަރުގެ ފަހުން ދިފާއުކުރާ ފުރަތަމަ ޓީމަށްވުމުގެ އަމާޒުގައި އޮތް ފްރާންސްއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލްގައި ނުކުންނާނީ އާޖެންޓީނާ އެވެ.

މި މެޗަށް ކުރިމަތިލިއިރު މޮރޮކޯގެ ކޮޅަށް އެންމެ ލަނޑެއް ވަދެފައި އޮތް ނަމަވެސް، ފްރާންސް އިން ވަނީ މެޗުގެ ކުރީކޮޅު މޮރޮކޯގެ ގޯލު ހުޅުވާލައިފައެވެ. މެޗުގެ ފަސް ވަނަ މިނިޓުގައި ފްރާންސަށް ލީޑު ހޯދައިދިނީ ތިއޯ ހެނާންޑޭޒް އެވެ.

މެޗުގެ ކުރިން ވެސް ފިޓްނަސްގެ މައްސަލަތަކެއް ކުރިމަތިވި މޮރޮކޯގެ ކެޕްޓަން ރޮމައިން ސައިސް ވަނީ މެޗުގެ 20 ވަރަކަށް މިނިޓު ކުޅުމަށް ފަހު އަނިޔާގެ މައްސަލައަކާ ހެދި ބަދަލުކޮށްފަ އެވެ. މެޗު ފެށުމުގެ ކުރިން ފުރަތަމަ 11ގައި ހިމެނުނު ޑިފެންޑަރު ނަޔެފް އަގުއާޑަށް ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަލައަކާ ގުޅިގެން، އޭނާ އަށް މެޗުގައި ކުޅެވޭ ގޮތް ނުވި އެވެ.

އަނިޔާގެ މައްސަލަތަކާހެދި މެޗުގެ ކުރީކޮޅު ޑިފެންސަށް ބަދަލުތަކެއް ގެންނަންޖެހުނު ނަމަވެސް، މޮރޮކޯ އިން ފުރަތަމަ ހާފުގައި ވެސް ހިތްވަރު އެލުވައި ނުލައި ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މޮރޮކޯގެ ޖަވާދު އަލް ޔަމީގް އޯވާހެޑަކުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ވެސް ޖެހުނެވެ.

ގިނަ އަދަދެއްގެ މޮރޮކޯގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި ވެސް މޮރޮކޯ އިން ކުރިއަށް ޖެހި، ގޯލެއް ޖެހޭތޯ މަސައްކަތްކުރިއެވެ. ފްރާންސް އިން ނުރައްކާ ކުރަމުންދިޔައީ ކައުންޓާ އެޓޭކްގަ އެވެ.

އެކަމަކު، މޮރޮކޯ އަށް އިތުރު ހުރަހެއް ކުރިމަތިވީ މެޗުގެ 79 ވަނަ މިނިޓުގައި ފްރާންސްގެ ފޯވަޑް ކޯލޯ މުއާނީ އެވެ. ކިލިއަން އެމްބާޕޭ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ޝޮޓެއް މޮރޮކޯގެ ޑިފެންޑަރެއްގައި ފައިގައި ޖެހިފައި، އޭރިޔާ ތެރޭގައި ހުރި މުއާނީ އަށް ލިބުމުން އެނާ ގޯލަށް އެ ބޯޅަ ވައްދާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރިތާ 44 ސިކުންތުގެ ތެރޭގަ އެވެ.

ފްރާންސް އިން ދެ ލަނޑުގެ ލީޑެއް ނެގި ފަހުން ވެސް، މޮރޮކޯ އިން ފްރާންސްގެ ޑިފެންސަށް ބާރުބޮޑުކުރި އެވެ. އެކަމަކު މިރޭގެ މެޗުގައި މޮރޮކޯގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. މެޗުގެ ފަހުކޮޅު ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މޮރޮކޯގެ އަބްދުލް ރައްޒާގް ހަމްދުﷲގެ ފައިގައި ޖެހިފައި ގޯލާ ދިމާލަށް ދިޔަ ބޯޅައެއް ވެސް، ގޯލު ރޮނގުމަތީގައި ހުރި ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުން ބަލިވިޔަސް، މި އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ އިން ވަނީ ފަހުރުވެރި ނަތީޖާތަކެއް ނެރިފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމެވެ. އަދި މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމުގެ މަގު މަތީގައި މޮރޮކޯ އިން ވަނީ ވަރުގަދަ ޓީމުތައް ކަމަށްވާ ބެލްޖިއަމް އާއި ޕޯޗުގަލް އަދި ސްޕެއިން ބަލިކޮށްފަ އެވެ.

މި މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ކްރޮއޭޝިއާ އެވެ.