ދުނިޔޭގެ ގިނަ ބައެއްގެ ނަޒަރު ހުއްޓުވާލި ޗައިނާގެ ރަށެއްކަމަށްވާ ހުއަންގްލުއޯއަށް ނިސްބަތްވާ "ޔާއޯ" އަންހެނުންނަކީ އެހާރާއި މިހާރުވެސް ރީތި އަންހެނުން ރަމްޒުކޮށްދޭ ބައެކެވެ.

ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ޔާއޯ އަންހެނުންގެ ކިބައިގައި ގިނަ ބައެއް އާޝޯހުކޮށްލުވާލާ ކަމަކީ އެމީހުންގެ ނަލަ އިސްތަށިގަނޑެވެ. އެ އިސްތަށިގަނޑު ބޯވެފައި އެހާމެ ދިގުވާއިރު، ކަޅުކަން އެހާމެ ގަދަ އެވެ.

އެރަށުގައި ދިރިއުޅޭ ގިނަ އަންހެނުންގެ އިސްތަށިގަނޑު 1.4 މީޓަރަށް ވުރެ ދިގެވެ. އަދި އެމީހުން ގަބޫލުކުރާގޮތުގައި ދިގު އަދި ދުޅަހެޔޮ އިސްތަށިގަނޑަކީ ތަނަވަސްކަމާއި އުފާވެރިކަމުގެ އިތުރުން ނަސީބު ރަނގަޅުވުމުގެ އަލާމާތެކެވެ.

ޔާއޯ އަންހެނުން ފަދަ ރީތި ދިގު އިސްތަށިގަނޑެއް ހޯދުމަކީ އުނދަގޫކަމެއް ނޫނެވެ. ސަބަބަކީ އެމީހުން ބޭނުންކުރާ ބާވަތަކީ ގިނަ ބަޔަކަށް ލިބެންހުރި ބާވަތަކަށް ވާތީ އެވެ. ޔާއޯ އަންހެނުންގެ އިސްތަށިގަނޑަށް އެމީހުން ބޭނުންކުރަނީ ހަނޑު ދޮންނަ ފެނާއި، ބަތް ކައްކާފައި ބާކީވާ ފެނެވެ.

އެފެން ގިނަ ދުވަހަށް ރައްކާކުރުމަށްފަހު ބޭނުންކުރާނަމަ، އެއިންވާ ފައިދާ މާބޮޑުވާނެކަމަށްވެސް ޔާއޯ އަންހެނުން ބުނެ އެވެ.

ހަނޑޫ ފެނުގައި އިސްތަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް އެކުލެވިގެންވާކަން ހޯދުންތަކުންވެސް ހާމަވެފައިވެ އެވެ.