ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީން އަމަލުކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން މޮރޮކޯއިން ފީފާއަށް ރެފްރީންގެ މައްސަލަ ހުށައަޅައިފި އެވެ.
ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި ފުރާންސް އާއި މޮރޮކޯ ބައްދަލުކުރި މެޗުން މޮޅުވީ ފްރާންސް އެވެ. ފްރާންސް އަތުން 2-0 އިން މޮރޮކޯ ބަލިވިއިރު އެ މެޗުގައި ފްރާންސްގެ ދެ ގޯލް ކާމިޔާބުކޮށްދިނީ ތިއޯ ހަނާންޑޭޒް އާއި ދެވަނަ ހާފްގައި ކުޅެން އެރި ޒުވާން ފޯވާޑް ރަންޑަލް ކޯލޯ މުއާނީ އެވެ.
މިމެޗުގައި ރެފްރީން އަމަލުކޮށްފައިވާ ގޮތާ މެދުގައި ހިތްހަމަނުޖެހުން ފާޅުކޮށް މޮރޮކޯގެ ފުޓްބޯޅަ އިދާރާއިން ވަނީ ފީފާއަށް މައްސަލަ ހުށައަޅާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އެ މެޗުގައި ރެފްރީކަން ކޮށްފައި ވަނީ މެކްސިކޯގެ ސެޒާ ރާމޯސް އެވެ.
މޮރޮކޯގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ މެޗުގެ ފުރަތަމަ ހާފްގައި މޮރޮކޯ އަށް ދެ ޕެނަލްޓީ ރެފްރީ ދީފައި ނުވާ ކަމަށެވެ. އަދި އެ މެޗުގައި ރެފްރީގެ ފަރާތުން ފެނުނު ކަންކަމާއެކު ފީފާ އަށް މިހާރު މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ މޮރޮކޯ ޓީމުގެ ހައްގުތައް ދިފާއުކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި އެއިދާރާއިން ބުނެ އެވެ.
މޮރޮކޯއިން ރެފްރީން ކުޅޭ މައްސަލައެއް ފީފާއަށް ހުށައަޅާފައިވާއިރު، ފީފާއިން އަދި މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައިނުވެ އެވެ.
ވޯލްޑް ކަޕްގެ މެޗުތަކުގައި ރެފްރީކަން ކުރަމުންދާ ރެފްރީންނަށް ފާޑުކިޔުން އަމާޒުވުން މިފަހަކަށް އައިސް ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެގޮތުން ކުއާޓާ ފައިނަލްގައި ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދި މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ މެޗުގެ ރެފްރީކަން ކުރި ރެފްރީ އަށް ފާޑުކިޔާފައިވާއިރު، ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުން ބަލިވި މެޗަށްފަހު ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭގެ ބަހުގެ ހޫނު ހަމަލާތަކެއް ރެފްރީ އަށް އަމާޒުކޮށްފައިވެ އެވެ.
މީގެ އިތުރުން ސެމީފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ވެސް ވަނީ ރެފްރީ އަށް ފާޑުކިޔާފަ އެވެ.
މުސްލިމު ޓީމަކަށް ވާތީ ޕެނަލްޓީ ނުދިނީ