(18 ޑިސެމްބަރު) - މިހަފްތާގައި އެމެރިކާގެ އެޖެންސީތަކުގެ އިންޓާނަލް މެއިލްތަކާއި އިންޓަނެޓް މުއާމަލާތްތަކަށް ފާރަލާ ކަމަށް ޝައްކުކުރެވިގެން ތަހްގީގު ކުރަންފެށި މައްސަލަ ކުރިން ހީކުރެވިފައިވާ ވަރަށްވުރެ ބޮޑުކަމަށް ބެލެވިއްޖެ އެވެ.

މައިކްރޯސޮފްޓުން ރައީސް ބްރެޑް ސްމިތް ބްލޮގް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކުރިން ހީކުރިގޮތާ ހިލާފަށް ތާޑް ޕާޓީ އައިޓީ މެނޭޖްމަންޓް ޕްރޮގްމެއް ބޭނުންކޮށްގެން ހެކަރުން 40 އަށްވުރެ ގިނަ މައިކްރޯސޮފްޓް ކަސްޓަމަރުންނަށް ފާރަލާފައި ވެ އެވެ.

ސްމިތް ވިދާޅުވީ މައްސަލަ ދިމާވި ކުންފުނިތަކުގެ ތެރެއިން 80 ޕަސެންޓް ކުންފުނިތަކަކީ އެމެރިކާގައި ހުރި ކުންފުނިތައް ކަމަށާއި އަދި ބާކީ ކުންފުނިތައް ހުރީ ދުނިޔޭގެ އިތުރު ހަތް ގައުމެއްގައި ކަމަށެވެ. މީގެތޭގައި ހިމެނެނީ ކެނެޑާ، މެކްސިކޯ، ބެލްޖިއަމް، ސްޕެއިން، އިނގިރޭސިވިލާތް، އިސްރާއިލް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.

އައިޓީ މެނޭޖްމަންޓް ސޮފޮޓްވެއާއަކީ ސޮލާވިންޑް ކިޔާ އައިޓީ މެނޭޖްމަންޓް ފާމް އަކުން ވިއްކި ސޮފްޓްވެއާ އެކެވެ. މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ހެކަރުން ވަނީ މި ސޮފްޓްވެއާގެ ސެކިއުރިޓީ އަޕްޑޭޓަކާ އެއްކޮށް މެލްވެއާ އެއް ފޮނުވާފަ އެވެ.

މި ކުންފުނީ ރެކޯޑްތަކުން ދައްކާ ގޮތުގައި މި ކުންފުނީގައި ޖުމްލަ 18،000 ކަސްޓަމަރުން ތިބެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެޖެންސީތަކާއި، ޕްރައިވެޓް ކުންފުނިތަކުގެ އިތުރުން އެހެނިހެން އޯގަނައިޒޭޝަން ހިމެނެ އެވެ.

މައިކްރޯސޮފްޓުން ވަނީ ސައިބާ ސެކިއުރިޓީ ފާމްއެއް ކަމަށްވާ ފަޔާއާއި ގުޅިގެން މި މައްސަލަ ތަހްގީގު ކުރަން ފަށާފަ އެވެ.

މި ހަމަލާ މައިކްރޯސޮފްޓްގެ ކޮމްޕިއުޓަރުތަކަށް ވެސް އަމާޒުވެފައިވެ އެވެ. ނަމަވެސް އެ ކުންފުނިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަން ވަނީ ހައްލުކޮށްފަ އެވެ.

މައިކްރޯސޮފްޓުން ލަފާކުރާ ގޮތުގައި ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން މައްސަލަ ދިމާވި އިތުރު ކުންފުނިތަކެއް ހޯދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސައިބާ އާމް އިން ވަނީ އެލާޓް ނެރެފަ އެވެ. މި އަޕްޑޭޓް ބޭނުންކޮށްގެން ހެކަރުން ވަރަށް ގިނަ އެޖެންސީތަކަށް އެކްސެސް ހޯދިފައިވާނެ ކަމަށާއި އަދި އިންޓާނަލް މެއިލްތަކާއި އެހެނިހެން ސިއްރު މައުލޫމާތު ނަގާފާއިވާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ބޭނުން ކޮށްފައިނުވާ އުކުޅުތަކެއް ބޭނުންކޮށްފައިވާ ކަމަށާއި އަދި މިކަމުގައި އެހެން ސޮފްޓްވެއާ ބޭނުންކޮށްފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މި ހަމަލާއަކީ ރަޝިޔާ އަޑީގައި އޮވެގެން ހެކަރުންގެ ގުރޫޕަކުން ކުރާ ކަމެކެވެ. - ސީއެންއެން