އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ސިދާތު މަލްއުތުރާ އާއި ތެލެގޫ ބަތަލާ ރަޝްމިކާ މަންދަންނާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "މިޝަން މަޖުނޫ" ގެ ޓީޒާ ނެރެފި އެވެ.

"މިޝަން މަޖުނޫ" ގެ ޓްރެއިލާ ލޯންޗުކޮށްފައި ވަނީ ނިއުދިއްލީގައި ހުންނަ އިންޑިއާ ގޭޓްގަ އެވެ.

އަންނަ މަހުގެ 20 ގައި ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމަކީ 1970 ގެ ވާހަކައެއް ކިޔައިދޭ އެކްޝަން ތުރިލާއެކެވެ. އިންޑިއާގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ވަރުގަދަ ކަވަޓް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ "މިޝަން މަޖުނޫ" އަކީ ސިދާތުގެ ވަރުގަދަ އެކްޝަން ރޯލެއް ފެނިގެންދާނެ ފިލްމެކެވެ.

ސިދާތުގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު ރަޝްމިކާ މިފިލްމުން ފެނިގެންދާނީ ލޯފަން މީހެއްގެ ބައިންނެވެ.

މި ރޯލަށް ތައްޔާރު ވުމަށް ރަޝްމިކާ ވަނީ ވަރަށް ރިސަރޗް ހަދާފައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ. މި ފިލްމުގައި ސިދާތް އާއި ރަޝްމިކާއަކީ ދެ ލޯބިވެރިންނެވެ.

"މިޝަން މަޖުނޫ" ގެ ޓްރެއިލާ ނެރުމާއެކު ގިނަ ބަޔަކު އަންނަނީ މިފިލްމަކީ މޮޅު ފިލްމަކަށްވާނެ ކަމަށް ބުނަމުނެވެ. އަދި ޓްރެއިލާ ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެން ގޮސްފަ އެވެ.

https://www.youtube.com/watch?v=Nyz7suxlrI4&t=1s

"އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ފެޝަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޝަންތަނޫ ބަގްޗީ ޑައިރެކްޓްކޮށްފައިވާ ފިލްމު "މިޝަން މަޖުނޫ" ނެޓްފްލިކްސް އިން ޕްރިމިއާ ކުރާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

ސިދާތް އެންމެ ފަހުން ފެނުނީ މިދިޔަ އޮކްޓޫބަރު މަހު ރިލީޒްކުރި "ތޭންކް ގޯޑް" އިންނެވެ.

ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި އަމީތާބް ބައްޗަންގެ "ގުޑް ބާއި" އެވެ.