މިރޭ ކުޅޭ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތްގެ ފައިނަލް މެޗުގެ ރަސްމިއްޔާތުގައި ބައިވެރިވާން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން ވަނީ މިހާރު ގަތަރަށް ގޮސްފަ އެވެ.

ދިޕިކާ ގަތަރަށް ދިޔައީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާއެކު އެވެ.

މިފަހަރުގެ ވޯލްޑް ކަޕް ތަށި ދައްކާލުމުގެ ޝަރަފު ލިބިފައި ވަނީ ދީޕިކާ އަށެވެ. މިއީ ބޮލީވުޑްގެ ބަތަލާއަކަށް ވޯލްޑް ކަޕް ތަށި ދައްކާލަން ލިބުނު ފުރަތަމަ ފަހަރު އެވެ.

ފައިނަލް މެޗްގެ ކުރިން ވޯލްޑް ކަޕްގެ ތަށި ދައްކާލަން ބާއްވާ ކުލަގަދަ ރަސްމިއްޔާތުގައި ދިޕިކާގެ އިތުރުން ދުނިޔޭގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވާނެ އެވެ.

މިއަދު ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ މިދިޔަ ފަހަރުގެ ޗެމްޕިއަން ފްރާންސް އާއި އާޖެންޓީނާ އެވެ. ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނީ ރާއްޖެ ގަޑިން ރޭގަނޑު އަށެއް ޖަހާއިރު އެވެ.

ދިޕިކާގެ ފިލްމީ މަސައްކަތަށް ބަލާއިރު، އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ ޝާހްރުކް ޚާނާއި ޖޯން އަބްރަހަމްއާއެކު "ޕަތާން" އިންނެވެ. "ޕަތާން" އަންނަ މަހު 25 ގައި ރިލީޒް ކުރުމަށް ނިންމާފައިވާއިރު އެފިލްމާ ދެކޮޅަށް އިންޑިއާގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެއީ އެފިލްމުގައި ހިމެނޭ ލަވައެއްގެ މައްސަލާގަ އެވެ.

"ބޭޝަރަމް ރަންގް" ލަވަ ނެރުމާއެކު އެލަވަށް ބައެއް ފަރާތްތަކުން ތައުރީފު ކުރި ނަމަވެސް އަނެއް ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ޕަތާންގެ އިތުރުން އަމީތާބް ބައްޗަން އާއި ޕްރަބާސްއާ އެކު "ޕްރޮޖެކްޓް ކޭ" އިން ވެސް ދިޕިކާ ފެނިގެންދާނެއެވެ. އަދި ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގްގެ ފިލްމު "ސިރްކަސް" ގައި ވެސް އޭނާ ވަނީ ހާއްސަ ކެމިއޯއެއް ކުޅެފަ އެވެ.