ދޯހާ (17 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވަން ކުޅުނު ޕްލޭއޮފްގައި މިރޭ މޮރޮކޯ އަތުން 2-1 އިން މޮޅުވެ، ކްރޮއޭޝިއާ މުބާރާތުގެ ތިން ވަނަ މަގާމާއެކު މުބާރާތް ނިންމާލައިފި އެވެ.
މިރޭގެ މެޗުގެ ހަތް ވަނަ މިނިޓުގައި ކްރޮއޭޝިއާ އިން ލީޑު ހޯދީ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ޖެހި ލަނޑުންނެވެ. ހިލޭ ޖެހުމަކުން މޮރޮކޯގެ އޭރިޔާ ތެރެއަށް ކްރޮއޭޝިއާ އިން ހުރަސްކޮށްލި ބޯޅަ އީވާން ޕެރިސިޗް ބޮލުން ޖައްސާލުމުން، މުޅި މުބާރާތުގައި ވެސް ފާހަގަކޮށްލެވުނު ގްވާޑިއޯލް ގޯލަށް އަމާޒުކޮށްލީ ޑައިވިން ހެޑާއަކުންނެވެ.
އެކަމަކު ކްރޮއޭޝިއާ އަށް ލީޑު ހިފަހައްޓާލެވުނީ ދެ މިނިޓަށެވެ. ކްރޮއޭޝިއާގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް މޮރޮކޯގެ އަޗްރަފް ދާރީ ވަނީ ބޮލުން ގޯލަށް އަމާޒުކޮށްލައިފަ އެވެ.
ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ކްރޮއޭޝިއާ އިން އަލުން ލީޑު ނެގީ މިސްލާވް އޮރިސިޗް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. އޭރިޔާ ތެރެއިން އޮރިސިޗް ގޯލުގެ ދުނު ކަނަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގަ ޖެހިލައިފަ އެވެ.
ކްރޮއޭޝިއާ މި އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ހޯދިއިރު، މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި އެ ގައުމުން ވަނީ ރަނަރަޕްކަން ހޯދައިފަ އެވެ. އަދި ވޯލްޑް ކަޕްގައި ކުޅުނު އެންމެ ފުރަތަމަ ފަހަރު ކަމަށްވާ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކްރޮއޭޝިއާ އިން ތިން ވަނަ ހޯދި އެވެ.
މެޗުގެ ދެވަނަ ހާފުގައި މޮރޮކޯގެ ފޯވަޑް ޔުސެފް އެން ނޭސްރީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިޔާ ތެރެއިން އެނާ ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ ދިފާއުކޮށްފަ އެވެ.
މި މުބާރާތުގެ ހަތަރު ވަނަ ލިބުމަކީ ވެސް މޮރޮކޯ އަށް ބޮޑު ކާމިޔާބެކެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ގަދަ ހަތަރަކުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ގައުމެވެ. އަދި މި މުބާރާތުގައި ވަރުގަދަ ޓީމުތައް ކަމަށްވާ ސްޕެއިން، ޕޯޗުގަލް އަދި ބެލްޖިއަމް އަތުން މޮރޮކޯ ވަނީ މޮޅުވެފަ އެވެ.