މިދިޔަ މަހު ޖަލުގައި ހިންގި އޮޕަރޭޝަންތަކުގައި 12 މޯބައިލް ފޯނާއި ގިނަ ޢަދަދެއްގެ ސިމް ކާޑު އަތުލައިގެންފި އެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އައްސޭރި ޖަލުން ހަ ފޯނަކާއި ސިމް ކާޑެއް އަތުލާފައިވެ އެވެ. އަދި މާފުށީ ޖަލުން ހަ ފޯނަކާއި 24 ސިމް ކާޑެއް އަތުލާފައިވާކަމަށް އެ ސާވިސްއިން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން މާފުށީ ޖަލުން އަތުލައގަނެވުނު ތަކެތީގެ ތެރޭގައި ތިން ޗާޖަރަކާއި ތިން ހެޑް ސެޓުގެ އިތުރުން އެހެނިހެން ބައެއް ތަކެތި ވެސް ފެނިފައިވާ ކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައިވެ އެވެ.

ކަރެކަޝަނުން ފުލުހުންނާ ގުޅިގެން ވަނީ މި މަހު ވެސް ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަން ހިންގީ މާފުށީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް މައުލޫމާތު ލިބުމުން ކަމަށް އެނގިފައިވެ އެވެ.

އެގޮތުން ފުލުހުންނާއި ކަރެކްޝަނުން ހިންގި އެ އޮޕަރޭޝަންގައި ވެސް ސިމް ކާޑަކާއި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

އޭގެ އިތުރުން ބޮން ހެދުމަށް ބޭނުން ކުރާ ސާމާނާއި ބޮން ހެދުމަށް ބޭނުންވާ އިރުޝާދުތައް ފެނިފައިވާ ކަމަށް މައުލޫމާތުލިބެ އެވެ. ނަމަވެސް މިކަމާ ގުޅޭ މައުލޫމާތެއް ރަސްމީކޮށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.