ރާއްހޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިންގް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ދެއްކެވި ވާހަކައިގާ ރާއްޖެއާއި ޑަބްލިއުއެޗްއޯއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފަ އެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެއިން، ކޯވިޑް-19 އަށް ފަހު ސިއްހީ ކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިގްތިސާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
ހަމަ އެއާއެކު އެކަމަނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ހަރަދުކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމަށް ވެސް ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމަނާއަކީ ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ، މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ވެސް ތައުރީފު ކުރައްވާފައިވެ އެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވެސް ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.