ތިލަމާލެ ބްރިޖް އަޅާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިން ތިބޭ ގުޅީފަޅު ސައިޓުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އަލިފާނުގެ ހާދިސާއަށް ފަހު ގެއްލުނު އެ ކުންފުނީގެ މުވައްޒަފުކަން ކަށަވަރުކުރެވޭނީ ޑީއެންއޭ ހެދުމަށްފަހު ކަމަށް އެފްކޮންސް އިން ބުނެފި އެވެ.

ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅުނު އެކަމޮޑޭޝަން ބްލޮކްގައި އަލިފާން ރޯވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެ ހާދިސާގައި އެ ކުންފުނީގެ 80 ވަރަކަށް މުވައްޒަފުންނަށް އަނިޔާވެ ފަރުވާދީފައިވެ އެވެ.

އެ ހާދިސާއަށް ފަހު އެ ކުންފުނީގެ އެއް މުވައްޒަފަކު ވަނީ ގެއްލިފަ އެވެ. ފުލުހުން އެ ސަރަހައްދު ބަލަމުން ދަނިކޮށް އިންސާނެއްގެ ކަށިގަނޑުގެ ބައެއް ފެނުނީ އިއްޔެ ހެނދުނު 11:00 ހާއިރު އެވެ.

އެފްކޮންސް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެއީ ކާކުގެ ހަށިގަނޑެއްކަން ޔަގީން ކުރެވޭނީ ޑީއެންއޭ ޓެސްޓަކަށް ފަހު ކަމަށެވެ. މި ވަގުތު ވެސް ގެއްލުނު މީހާގެ އާއިލާއާ ގުޅައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަލިފާނުގެ ހާދިސާގައި 78 މުވައްޒަފުން ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން 32 މީހުންނަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

އެ ހާދިސާގައި 24 މީހުންނަށް އެކިވަރުގެ ކުދި އަނިޔާ ލިބިފައިވެ އެވެ. އަދި ހަތަރު މީހަކު އޮޕަރޭޝަން ކޮށްފައިވެ އެވެ. ގިނަ މީހުންނަށް އަނިޔާވީ އަލިފާން ރޯވުމުން ސަލާމަތްވާން އިމާރާތުގެ ދެވަނަ ބުރިން ބިން މައްޗަށް ފުންމާލުމުން އަތާއި ތަންތަން ބިނދިގެންނެވެ. ބައެއް މީހުންނަށް ފިތި ބާރުވެގެން ވެސް އަނިޔާވި އެވެ.

އެ އެންމެނަށް ވެސް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ވެސް އެފްކޮންސް އިން ބުންޏެވެ.