އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފައްޓަވައިފި އެވެ.

މިކަމާ ބެހޭ ހާއްސަ ބައްދަލުވުމެއް މިރޭ ސޯލްޓް ކެފޭގައި ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރަމުން ދަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭނާ ގުޅޭ ގޮތުންނެވެ.

ރައީސް ސޯލިހު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފަ އެވެ. އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު ވިދާޅުވީ 100 ވުރެ ގިނަ މެންބަރުން އެ ބައްދަލުވުމުގައި އެބަތިއްބެވި ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރަން މަދުވެގެން 500 މީހުންގެ ތާއީދު ސޮއި ހޯދަންޖެހެ އެވެ. އެނގިފައިވާ ގޮތުގައި ރައީސްގެ ކެމްޕެއިން ޓީމުން މިހާރު ވަނީ ސޮއި ހަމަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަމުންނެވެ.

ރިޔާސީ ޕްރައިމަރީ އިއުލާން ކޮށްފައިވާއިރު ނަޝީދު ވިދާޅުވެފައި ވަނީ އެ ޕާޓީގެ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ދޮގުކުރައްވައި އެ ޕާޓީން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.