ސާޅީސް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެ އެތަނުގެ ސީއީއޯއަކަށްވި މަޝްހޫރު މަހުޖަނު އިލޮން މަސްކް އެ މަގާމުން އިސްތިއުފާ ދޭ ޖެހޭ ކަމަށް ޓުވިޓާ ބޭނުންކުރާ މީހުން ބުނެފި އެވެ.
މަސްކް ޓުވިޓާގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ޓުވިޓާ ބޭނުންކުރާ މީހުން ބުނީ މަސްކް ޓްވިޓާގެ އިސްވެރިޔާގެ މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް އޭނާ އަމިއްލައަށް ޓުވިޓާގައި ނެގި ވޯޓެއް ނާކާމިޔާބުވުމުންނެވެ.
މަސްކް ހުޅުވާލި ޕޯލް އަކަށް ވޯޓު ދިން މީހުންގެ 57.5 ޕަސެންޓް މީހުން ބުނީ އޭނާ ޓްވިޓާގެ އިސްވެރިޔާގެ މަގާމުން ވަކިވާން ފެންނަ ކަމަށެވެ. އޭނާ މަގާމުގައި ބަހައްޓަން ވޯޓް ދިނީ 42.5 ޕަސެންޓް މީހުންނެވެ.
މި ޕޮލް ހުޅުވާލަމުން މަސްކް އޭރު ބުނެފައި ވަނީ އެ ކުންފުނީގެ ބޮސް އެއްގެ ގޮތުގައި ދެމިހުރުމާ މެދު އެ ވޯޓުގެ ނަތީޖާއަށް އޭނާ އިހުތިރާމް ކުރާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު އެ ކުންފުނީގެ އިސް އެތައް ބަޔަކު މަގާމުން ވަކިކޮށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ޓްވިޓާ ވެރިފިކޭޝަން ބެޖް ވިއްކަން މަސްކް ނިންމުމުން ވެރިފިކޭޝަން ބެޖާއެކު ފޭކް ޓުވިޓާ އެކައުންޓްތައް މިހާރު ވެސް ވަނީ އާއްމު ވެފަ އެވެ.
މީގެ ކުރިން ޓްވިޓާގެ އުސޫލުތަކާއި ހިލާފު ވެގެން ސަސްޕެންޑް ކުރި ބައެއް އެކައުންޓްތައް އަލުން ޓްވިޓާގައި ބޭނުން ކުރެވޭ ގޮތް ވެސް މަސްކް ވަނީ ހަދާފައެވެ.
މަސްކް އަކީ އިކެލްޓްރޯނިކް ވެހިކަލް ކުންފުނި ޓެސްލާ އާއި ޖައްވަށް ދަތުރު ކުރާ ރޮކެޓް ކުންފުނި ސްޕޭސް އެކްސް ގެ ވެސް ވެރިޔާ އެވެ.
މީގެ ކުރިން ޓުވިޓާ މެދުވެރިކޮށް މަސްކް ނެގި މިފަދަ ކޮންމެ ޕޮލް އެއްގެ ނަތީޖާއަށް އޭނާ އިހުތިރާމް ކޮށްފައިވާއިރު މި ފަހަރުގެ ޕޯލްގެ ނަތީޖާއަށް ވެސް އޭނާ އިހުތިރާމްކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.