ތިން މިލިއަން ރުފިޔާއަށް ބޯޓެއް ގަނެ އެ ބޯޓު ބައްޕަގެ ނަން މައްޗަށް ރަޖިސްޓްރީ ކުރި މައްސަލާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕަ އާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފި އެވެ.

ކައިޒީން ސިވިލް ކޯޓުގައި ކުރި ދައުވާގައި ވަނީ "މިހިރީ ނަންބަރު 5" ނަމަކަށް ކިޔާ ބޯޓެއް ގަންނަން 3.6 މިލިއަން ރުފިޔާ އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅަށް ހަވާލުކުރި ކަމަށެވެ.

ބައްޕަ އާ ދެކޮޅަށް އެމައްސަލަ ކައިޒީން ހުށަަހަޅާފައި ވަނީ، ބޯޓުގަނެ ރަޖިސްޓްރީ ކޮށްފައިވަނީ ބައްޕަގެ ނަންމަތީގައި ނަމަވެސް، ބޯޓުގެ މިލުކުވެރި ފަރާތަކީ ކައިޒީން ކަމަށްވާތީ، ކަމަށް ބުނެ އެވެ.

ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލުކުރުމަށް ބައްޕަގެ މައްޗަށް އަމުރު ކޮށްދިނުމަށް ކައިޒީން ވަނީ އެދިފަ އެވެ.

ކައިޒީންގެ ރުހުންނެތި ބޯޓު ކުއްޔަށް ދިނުމާއި، ބޯޓު ވިއްކާލުމާއި، ހިބަ ކޮށްދިނުމާއި، ވަސީޔަތުން ދިނުން އަދި ބޯޓުގެ މިލުކުވެރިކަން ބަދަލުވެދާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އޭނާގެ ބައްޕަގެ މައްޗަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

މީގެއިތުރުން ބޯޓުގެ ރަޖިސްޓްރީ ބަދަލުކުރުމުގެ އެއްވެސް ކަމެއް މައްސަލަ ނިމުމުގެ ކުރިން ނުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ މައްޗަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

ކައިޒީން ހުށަހެޅި މައްސަލައިގެ ރައްދުގައި އޭނާގެ ބައްޕަގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭނާ އެ ބޯޓުގަތީ ކައިޒީންގެ އެޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަމަށާއި، ބޯޓުގެ އެއްބަސްވުމުންވެސް ބޯޓު ގަންނަ ފަރާތަކީ އިބްރާހީމް އަލީފުޅު ކަން ސާބިތުވާނެ ކަމަށެވެ.

ކައިިޒީންގެ ބައްޕަގެ ފަރާތުން ކޯޓުގައި ވަނީ، ދަރިންގެ މުދާ މައިންބަަފައިން ބޭނުންކުރުމާމެދު އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތް ހަދީސްތަކުން ފާހަގަކޮށްފަ އެވެ. އެގޮތުން ”ތިބާ އާއި ތިބާގެ މުދަލަކީ ބައްޕަގެ އެއްޗެކެވެ“ މި ހަދީޘް އިން ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރި ނަމަވެސް ދައުވާ ނުކުރެވޭނެ ކަން އެނގޭކަން ކައިޒީންގެ ބައްޕަގެ ފަރާތުން ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.