ގަތަރުގައި މިދިޔަ ހަފުތާގައި ނިމުނު ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރުމުގެ އުފަލުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާއި ޓީމުގެ ކުޅުންތެރިންގެ ފޮޓޯ ޖަހައިގެން ފައިސާގެ ނޫޓެއް ނެރުމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާޖެންޓީނާގެ ސެންޓްރަލް ބޭންކުން ނިންމާފައި ވަނީ 1،000 ޕޭސޯގެ ނޫޓުގެ އެއް ފަޅީގައި މެސީގެ ފޮޓޯ ޖަހައި، އަނެއް ފަޅީގައި ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންގެ ފޮޓޯ ޖެހުމަށެވެ. މިކަމާ ގުޅޭ ގޮތުން އެ ބޭންކުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެހެން ނަމަވެސް ސެންޓްރަލް ބޭންކުން މިފައިސާ ނޫޓު ނެރޭނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފައިވާ މެސީ ވަނީ ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސާ ދެކޮޅަށް ކުޅެ، އާޖެންޓީނާ މޮޅުކޮށްދީފަ އެވެ. މިއީ 36 އަހަރުގެ ތެރޭގައި އާޖެންޓިނާ ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރު އެވެ. ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން އާޖެންޓީނާ މޮޅުވީ 4-2 އިނެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި މެސީ ހަތް ގޯލް ޖަހައި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެ އެވެ.
މީގެ ކުރިން 1978 ވަނަ އަހަރު ވެސް އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅުވައިގެން ވެސް ހާއްސަ ފައިސާ ފޮއްޗެއް ފަރުމާކޮށް ނެރެފައިވެ އެވެ. އެއީ އާޖެންޓީނާގެ ތާރީހުގައި އުފުލާލި ފުރަތަމަ ވޯލްޑް ކަޕެވެ.