ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ސަލާމަތީ ބާރުތަކުން އެ ކޯޓުގެ ތެރެއަށް ވަދެ ފަނޑިޔާރުން ހައްޔަރުކުރި ކަމަށް މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދައްކާ ވާހަކަ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ދޮގު ކުރައްވައިފި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބަލަންޖެހޭ ހަގީގީ މައްސަލައަކީ، ގާއިމުވެ އޮތް ގާނޫނީ ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމަށެވެ.

ފުލުހުން ކުރި ތަހުގީގުން ހާމަވެފައިވާ ގޮތުގައި 1 ފެބްރުއަރީ 2018 ވަނަ ދުވަހު ސިޔާސީ އެކި އެކި ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކަކަށްފަހު ނެރުނު އަމުރެކެވެ.

ރާއްޖޭގެ ގިނަ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އެ އަމުރަކީ ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެކެވެ. އެ އަމުރު ސައްހަ ކަމަށް ވިދާޅުވާ ގާނޫނީ ވަކީލުން ހުއްޖަތަކަށް ދައްކަނީ ޝަރީއަތުން ކުރާ ހުކުމް ތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ މާއްދާ އެވެ.

ރޭގަނަޑުގެ ވަގުތެއްގައި ކުއްލިއަކަށް ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނީ އެފަދަ އެއްވެސް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަނާޅަނީސް އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އަދި އޭރުގެ ބައެއް ފަނޑިޔާރުންނާއި އޭރުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކުރައްވާފައިވާކަން ފުލުހުންގެ ތަހުގީގުން ހާމަވިއެވެ. އަދި އޭރުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ދިރިއުޅުއްވި ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދާފަ އެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކެއް ފެބްރުއަރީގެ އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ އަމުރު ނެރެފައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަމަށްވާތީ ފަސް ފަނޑިޔާރުން ވެސް އެ އަމުރަށާއި އަދި އޭގެ ނަތީޖާއަށް ޒިންމާވާންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެ އަމުރު ނެރުމަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ. އަހްމަދު އަބްދުﷲ ދީދީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.