ވޮޝިންޓަން (ޑިސެމްބަރު 29) - ތިން އަހަރަށް ފަހު ޗައިނާ މީހުން އެހެން ގައުމުތަކަށް ދަތުރުކުރަން އަންނަ ހަފުތާ އިން ފެށިގެން ހުޅުވާލާ އިރު ޗައިނާ މީހުންގެ ކޮވިޑް ޓެސްޓް ހެދުން މަޖްބޫރު ކުރަން ބައެއް ގައުމުތަކުން ނިންމައިފި އެވެ.

ޗައިނާ މީހުންގެ ކޮވިޑް ޓެސްޓް އެންމެ ފަހުން މަޖްބޫރު ކުރި ގައުމަކީ އެމެރިކާ އެވެ. އޭގެ ކުރިން އިޓަލީ، ޖަޕާން، ޓައިވާން އަދި އިންޑިއާ އިން ވެސް ވަނީ ޗައިނާ މީހުން އެ ގައުމުތަކަށް އެތެރެވާ އިރު ކޮވިޑް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތުން ބުނެފައި ވަނީ ޗައިނާ މީހުންނާ މެދު ކޮވިޑުގެ ގަވާއިދުތަކަށް ވަކި ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

ކޮވިޑް ފެތުރެން ޑިސެމްބަރު 2019 ގައި ފެށި ފަހުން ޗައިނާ އިން ވަނީ އެ ގައުމު ފުރަބަންދުކޮށް، ޗައިނާ މީހުން އެހެން ގައުމުތަކަށް ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރުން މަނާކޮށްފަ އެވެ. ނަމަވެސް ބެއިޖިން އިން މިހާރު ނިމްމާފައި ވަނީ ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން ޗައިނާގެ ޓޫރިސްޓުންނަށް ދަތުރު ކުރުމުގެ ހުއްދަ ދީފަ އެވެ. ކޮވިޑް ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ.

ޗައިނާ ހުޅުވާލާ އިރު އެ ގައުމުގައި ދަނީ ކޮވިޑުގެ ކޭސްތައް އިތުރުވަމުންނެވެ. ޗައިނާގައި މިހާރު ދަނީ ދުވާލަކު 5،000 މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އޮފިޝަލުން ލަފާކުރާ ގޮތުގައި އެ އަދަދު އުޅޭނީ މާމަތީގަ އެވެ. އެ ގައުމުގެ ޑެއިލީ ކޭސް ލޯޑް މިލިއަނަކާ ގާތްކުރާނެ ކަމަށް ބުނެފައިވެ އެވެ. ހޮސްޕިޓަލްތައް ފުރި ކޮވިޑުގެ ފަރުވާ އާއި ބޭސް އެކަށީގެންވާ މިންވަރެއްގައި ނުލިބޭ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެމެރިކާ އިން ބުނެފައި ވަނީ ޗައިނާގެ ކޮވިޑުގެ ހާލަތު ސާފުކޮށް ބަޔާންކޮށްދީފައި ނުވާ ކަމަށާއި އެހެންވެ ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން އެމެރިކާ އަށް އެތެރެވާ ޗައިނާ، ހޮން ކޮން އަދި މަކާއޫގެ މީހުން ކޮވިޑް ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ.

ޗައިނާ އަށް އެތެރެވާ މީހުން ކަރަންޓީންވާ ނުޖެހޭ ގޮތަށް ހަމަޖެއްސިކަން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ޗައިނާގެ ބޯޑަރު ހުޅުވާލާ ދުވަސްކަމަށްވާ ޖެނުއަރީ 8 ވަނަ ދުވަހު އެވެ. މާޗް 2020 އިން ފެށިގެން ޗައިނާ އަށް އެތެރެވާ މީހުން ސަރުކާރުގެ ފެސިލިޓީއެއްގައި ކަރަންޓީން ވާން ޖެހެ އެވެ.

ކޮވިޑުގެ ކުރިން ޗައިނާ އަކީ އެންމެ ގިނައިން ޓޫރިސްޓުން ދަތުރުކުރާ ގައުމެވެ. ނަމަވެސް ޖެނުއަރީ މަހު ޗައިނާ ހުޅުވާލާއިރު ކިހާ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރާނެ ކަމެއް އަދި ނޭނގެ އެވެ. ފުރަތަމަ ފަށާއިރު ފްލައިޓްތައް މަދުވުމާއި ގިނަ މީހުންގެ ޕާސްޓޯގެ މުއްދަތު ހަމަވެފައިވާތީ ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.

ޗައިނާ ބަންދުކުރުމުގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމަކީ އެއީ އެވެ. ދެހާސް ނަވާރަ ވަނަ އަަހަރު ވަނީ ޗައިނާގެ 284،029 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.