ބްރެޒިލް އާއި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު ޕެލޭ 82، މަރުވެއްޖެ އެވެ.

ޕެލޭ މަރުވެފައި ވަނީ ސައޮޕާލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

ޕެލޭ މަރުވިއިރު މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން ހަޖަމްކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ. އަދި މިދިޔަ މަހުގެ 29 އިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޕެލޭ އަށް ދިޔައީ ފަރުވާ ދެމުންނެވެ.

ޕެލޭ އަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ކިޑްނީގެ މައްސަލައެއްގައި ޕެލޭ ހޮސްޕިޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައި ވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓް ކުރި އެވެ.

ފަގީރުވުމުން ބޫޓެއް ނުލިބިގެން ހުސްފައިގައި ކުޅެން ފެށި ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޖުމްލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭ ވަނީ 1281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައި ވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.

ބްރެޒިލުން ހޯދި ވޯލްޑް ކަޕުގެ ފަސް ތަށީގެ ތެރެއިން ތިން ތަށި ބްރެޒިލަށް ހޯދައިދިން ޕެލޭ، ގިނަ ބަޔަކު ސިފަ ކުރަނީ ފުޓްބޯޅައިގެ ތާރީހުގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.