"ޑޮލަރު އެބަހުރިތަ؟ ޑޮލަރު" ރައްޓެއްސަކު ފޯނުކޮށްފައި އެހެން އެހުމުން އަހަރެންނަށް ބުނެވުނީ "ކޮންތާކު ހުރި ޑޮލަރެއް ހެއްޔެވެ؟" މިހެންނެވެ؛ ދުވަހަކު ވެސް ޑޮލަރު ހޯދަން އަހަންނަށް ނުގުޅާ މީހަކު ކުއްލިއަކަށް ޑޮލަރު ހޯދަން ގުޅުމުން ކުޑަކޮށް ހައިރާންވި އެވެ. ޑޮލަރަކީ އަހަރެން އާއްމުކޮށް ގެންގުޅޭ އެއްޗެއް ނޫންވީމަ އެވެ.

އެ ރަހުމަތްތެރިއާ އަހަރެންނަށް ގުޅީ ޑޮލަރު ނުލިބިގެން ވަރަށް ކަންބޮޑުވެފައި ހުރެގެންކަން އެނގުނެވެ. އެހެންވެ އޭނާ ޑޮލަރު ލިބިދާނެ ގޮތެއް ބުނެދެވޭތޯ ބެލީމެވެ. ފައިސާ މާރުކުރާ ތަންތަނާއި ޑޮލަރު ވިއްކަން ހަދާފައިވާ ވައިބާ ގްރޫޕްތަކުގެ ވާހަކަ ބުނީމެވެ. އޭނާ ބުނީ އެއިން އެއްވެސް ތަނަކުން ޑޮލަރު ގަންނަން ނުލިބޭ ކަމަށެވެ. އެ ތަންތަނުން ވެސް ޑޮލަރު ގަންނަނީ ކަމަށް ބުންޏެވެ.

ޑޮލަރުގެ ދަތިކަން އިންތިއާ ބޮޑުވެ، ޑޮލަރު ފަހާ ދުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 19.50ރ. އަށްވުރެ މައްޗަށް އެރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ބޮޑު އެއް މައްސަލައަކީ ޑޮލަރުގެ އަގު އުފުލޭ ނަމަ ކާބޯތަކެތީގެ އަގު އުފުލުމެވެ. އެ މައްސަލައަށް ހައްލެއް ލިބެން އޮތީ ވިޔަފާރިވެރިން މުދާ އެތެރެކުރަން ބޭނުންވާ މިންވަރަށް ޑޮލަރު ލިބިގެންނެވެ.

އޭޓީއެމްއަކުން ނެގި ޑޮލަރުތަކެއް މީހަކު ދައްކާލަނީ. ޑޮލަރުގެ ޑިމާންޑް މިދުވަސްވަރު ވަރަށް މަތި.

"މިހާރު ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެ މުދާ އެތެރެކުރަން ބޭނުންވާ މިންވަރަށް ޑޮލަރު ގަންނަން ނުލިބޭތާ. ހަދާނެ ގޮތް ހުސްވެއްޖެ،" ބާޒާރުމަތީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ. "ކުރިން ރިސޯޓް ސަޕްލައިން ވެސް ޑޮލަރު ލިބޭ. މިހާރު އެ ދޮރު ވެސް ބަންދު. ބްލެކް މާކެޓުން ވެސް ބޭނުންވާ ވަރަށް ނުވިއްކާ."

މީގެ ދެ ހަފުތާއެެއްހާ ދުވަސްކުރިން ބީއެމްއެލްގެ ޑޮލަރު އޭޓީމުން ޑޮލަރު ނަގައިގެން ނުކުތް ތަނުން ބިދޭސީއަކާ ދިމާވި އެވެ. އެ މީހާ ވެސް ހުރީ އެތަނުން ޑޮލަރު ނަގައިގެން ނުކުންނަ މީހުންގެ އަތުން ޑޮލަރު ގަންނަން ފާރަލައިގެންނެވެ. އެތަނުގައި އޭރު ވެސް ދިހަ ވަރަކަށް ބަންގްލަދޭޝް މީހުން ޑޮލަރު ހޯދަން ތިއްބެވެ.

އެތަނުން ދިމާވި މީހަކު ބުނީ ޑޮލަރުގެ ވިޔަފާރި ކަޅު ބާޒާރުގައި މިހާރު އެންމެ ވަރުގަދައަށް ކުރާ އެއްބަޔަކީ ބަންގްލަދޭޝް މީހުން ކަމަށެވެ.

"މި މީހުން ތިބޭނެ އަބަދުވެސް މިތަނުގައި ޑޮލަރު ގަންނަން. މިތަނުން ގަންނަ ޑޮލަރު މިމީހުން ގޮސް އެކްސްޗޭންޖް ކައުންޓަރުތަކަށާއި ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ އެހެން މީހުންނަށް ވިއްކަނީ،" އެ މީހާ ބުންޏެވެ. "މިކަން ބަލާނެ ބަޔަކު ނެތް. އެހެންވީމަ އެ މީހުންނާ ހެދި ވެސް ޑޮލަރުގެ ޑިމާންޑް އެތައް ގުނައެއް އެބަ ބޮޑުވޭ."

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި މިހާރު އުފުލިފައި ވަނީ މިއިން ޒަމާނަކު ވެސް ނުއުފުލޭ މިންވަރަކަށެވެ. މިކަމަށް އަވަސް ހައްލެއް ގެނެވޭ ކަމަށް ނުބެލެ އެވެ. އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ މަރުކަޒީ ބޭންކުގައި އެވަރުގެ ބޮޑު ރިޒާވެއް ނެތުމެވެ. މިވަގުތު ހުރީ ކިރިޔާ އެއް މަހަށް ބޭނުންވާ ކާބޯތަކެތި އެތެރެ ކުރެވޭ މިންރަށެވެ. އެއީ ގާތްގަނޑަކަށް 100 ވަރަކަށް މިލިއަން ޑޮލަރެވެ.

އެމްއެމްއޭއަށް ޑޮލަރު ލިބުން ތާށިވުމުން އެތަނުން ވެސް ޑޮލަރު ބޭންކުތަކަށް ވިއްކުމުގައި ލިމިޓްތަކެއް ކަނޑައަޅައިފަ އެވެ.

މިދިޔަ ހަފުތާގައި މަރުކަޒީ ބޭންކުން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނަގަނެ، އެ ގެއްލުންތައް ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، މާލީ ނިޒާމަށް ކުރިމަތި ވެދާނެ ލޮޅުންތައް ކުޑަކުރުމަށްއެޅޭ ފިޔަވަޅުތަކުގެ އިތުރުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް އައިސްފައިވާ ޕްރެޝަރު ކުޑަކުރުމަށް ވެސް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެމްއެމްއޭ އިން ވަނީ މިދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަ ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރުކޮށްފަ އެވެ. އަދި އެވަރުން ވެސް ނުފުދިގެން މިމަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރުކޮށް، ހަމައެކަނި ޒަރޫރީ ބޭނުންތައް ކަމަށްވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ކަމަށް ވަނީ ހަމަޖައްސައިފަ އެވެ. މިއީ މިވަގުތު ރާއްޖޭގައި ޑޮލަރުގެ ހާލަތު އޮތް ގޮތެވެ.

މަރުކަޒީ ބޭންކުން ބުނީ ޑޮލަރުގެ މައްސަލައަށް ލުޔެއް ހޯދުމުގެ ގޮތުން އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި މި ސްވޮޕްގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އޭގެ އިތުރުން އެމްއެމްއޭ އާއި ސަރުކާރާއި ގުޅިގެން ވަނީ އައިއެމްއެފް އަދި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުން ތަފާތު އެކި މާލީ އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.

ބީއެމްއެލް ހެޑް އޮފީސް ތިރީގައި ކުރިން ބަހައްޓާފައިވާ ޑޮލަރު އޭޓީއެމް މެޝިންތަކެއް. ފޮޓޯ: ވީނިއުސް

"މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރު ވަނީ ހަމަޖެހިފައި. މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާއި ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ،" އެ އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ޑޮލަރަށް އޮތް ޑިމާންޑް އެހާ އަވަހަށް ދަށަށް ދާނެ ކަމަށް ނުބެލެވެ އެވެ. އެންމެ ބޮޑު ސަބަބަކީ ބައެއް ރިސޯޓުތައް ހުޅުވި ނަމަވެސް އެކަށީގެންވާ މިންވަރަކަށް ޓޫރިސްޓުން ރާއްޖެ ނާންނާތީ އެވެ.

"މިހާރު ހީވަނީ އަންނަ އަހަރުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި ކަމަށް ޑޮލަރުގެ ޑިމާންޑް ކިރިޔާ ވެސް ދަށްވާނީ. އެ ހިސާބަށް ދާއިރު ބައެއް މުދާ ރާއްޖެ އެތެރެ ނުކުރެވި ހުއްޓުމަކީ ވެސް އެކަށީގެންވާ ކަމެއް،" ބާޒާރުމަތީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.