މިދުވަސްވަރު ބޮލީވުޑްގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ މަޝްހޫރު ދެ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތްރާގެ ކައިވެނީގެ ވާހަކަ އެވެ. މިއީ މީޑިއާގައި ކޮންމެ ދުވަހަކު ސުރުހީ އަޅަމުން އަންނަ ވާހަކައެކެވެ.

ބޯލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކިއާރާ އާއި ސިދާތު އަންނަ އަހަރު ފެބްރުއަރީ 6 ވަނަ ދުވަހު ކައިވެނި ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ކައިވެންޏަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ދެ ފަރާތުގެ އާއިލާއިން ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އެގޮތުން ކައިވެނީގެ ކުރިން ބާއްވާ އެކި ހަފްލާތައް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އާއި 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭގެ އިތުރުން ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ޝާހީ ސްޓައިލެއްގަ އެވެ.

ކިއާރާގެ ކައިވެނީގެ ވާހަކަ ގަދަވެފައިވަނިކޮށް އޭނާ އިންސްޓަގްރާމުގައި ކޮށްފައިވާ ވީޑިއޯ ޕޯސްޓްގެ ކެޕްޝަންގައި ޖަހާފައިވަނީ ދެން މާގިނަ ދުވަހެއް އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ސިއްރެއްގެ ގޮތުގައި ނުބޭއްވޭނެ ކަމަށް ވެސް ކިއާރާ ވަނީ ބުނެފަ އެވެ.

ކިއާރާ އަދްވާނީ އެންމެފަހުން ސިނަމާތަކުން ފެނިގެންދިޔައީ ރާޖް މެހްތާގެ "ޖަގްޖަގް ޖީޔޯ"އިންނެވެ. އަދި އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ ނާމް މޭރާ"އާއި "ސަތިޔާޕްރޭމް ކީ ކަތާ" ހިމެނެއެވެ. އަދި ހަމައެހެންމެ އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް" ގައި ސިދާތު މަލްހޯތްރާ އާއި ކިއާރާ އެކީގައި ވެސް ދާދި ފަހުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރު ރިލީޒްކުރި "ޝޭރްޝާހް"އެވެ. 2010 ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ސިދާތުގެ ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ޔޯދާ"އާއި "މިޝަން މަޖްނޫ" ހިމެނޭ އެވެ.